އެމެރިކާގެ ރިޔާސީ އިންތިހާބު އޮޅުވާލަން އުޅުނުކަމުގެ އެއްވެސް ހެތްކެތް ނެތް ކަމަށް އެގައުމުގެ އެޓަރނީ ޖެނެރަލް ވިލިއަމް ބަރ ވިދާޅުވެއްޖެއެވެ.
މިހާތަނަށް އައިރު ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތް ކަމަށް ބަރ ވިދާޅުވީ 'އެސޯސިއޭޓެޑް ޕްރެސް' (އޭޕީ) އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ބަރ ވިދާޅުވީ އެމެރިކާގެ އެޓަރނީސް އަދި އެފްބީއައި އިން ދަނީ ރިޔާސީ އިންތިހާބާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތައް ބަލަމުން ކަމަށެވެ.
ބަރ މިހެން ވިދާޅުވެފައިވާ އިރު، އޭނާ އަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕަށް ތާއިދުކުރުމުގައި އެންމެ އިސްކޮށް އުޅުނު އެއް ފަރާތެވެ.
އޭޖީ ބަރ މިގޮތަށް ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީ އިންތިހާބާއި ގުޅިގެން ޝައްކު އުފެދޭ އިތުރު ކަންތައްތަކެއް ހުރިކަމަށް ބުނެ ޓްރަމްޕް ވަނީ ޓްވީޓްކުރައްވާފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
