ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 20:18
ތޫފާން ބުރެވިއަށް ނަން ދެވިފައިވަނީ ބުރެވި ގަހަށް ނިސްބަތްކޮށް، މިއީ ދިވެހިން ހުށައެޅި ނަމެއް
ތޫފާން ބުރެވިއަށް ނަން ދެވިފައިވަނީ ބުރެވި ގަހަށް ނިސްބަތްކޮށް، މިއީ ދިވެހިން ހުށައެޅި ނަމެއް
ރާއްޖެއެމްވީ
ބޭ އޮފް ބެންގާލްގެ ބުރެވި ތޫފާން
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ ނަމަކަށް ބުރެވި: ދިވެހި ނަމެއް، ނިސްބަތްވަނީ ބުރެވި ގަހަށް
ނަން ދިނުމުގައި ރިއާޔަތް ކުރަނީ މި ސަރަޙައްދުގެ 13 ޤައުމުން ހުށައަޅާ ލިސްޓަށް
ނަން ޚާއްސަ ކޮށްފައިވަނީ ކަނޑޫފާ ސަރަޙައްދު ތަކުގައި އާންމުކޮށް ހެދޭ ބުރެވި ގަހުގެ ނަމުން
ދެން މި ސަރަޙައްދުގައި އުފެދޭ ތޫފާނަކަށް ކިޔާނީ މިޔަންމާއިން ހުށައަޅާފައިވާ ނަމެއް

މުޅި ދުނިޔެއަށް ބަލާއިރު ސަރަޙައްދީ ގޮތުން ޚާއްސަ ކުރެވިފައިވާ 6 މޫސުމާ ބެހޭ އިދާރާއެއް ޤާއިމު ކޮށްފައިވެއެވެ. އަދި ސަރަޙައްދީ ތޫފާންތަކުގެ އިންޒާރުދޭ 5 "ޓްރޮޕިކަލް ސައިކްލޯން ވޯރނިންގ ސެންޓަރ" (ޓީސީޑަބްލިއުސީ) އެއް ވަނީ ޤާއިމު ކޮށްފައެވެ. އަދި މި ސެންޓަރުތަކަކީ ޓްރޮޕިކަލް ޤައުމުތަކުގެ ސަރަޙައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދިނުމާއި، މޫސުމާގުޅޭ ސަމާލުތައް ނެރުމާ ގުޅޭ މެންޑޭޓް ދެވިފައިވާ ސެންޓަރުތަކެކެވެ. އޭގެ ތެރެއިން އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާރޓްމަންޓަކީ ސަރަޙައްދީ ގޮތުން ޚާއްސަ ކުރެވިފައިވާ 6 ސެންޓަރުގެ ތެރެއިން، 13 މެމްބަރު ޤައުމެއްގެ އިޙްތިސާސް ލިބިގެންވާ ސެންޓަރެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

އިންޑިއާ މީޓިއޮރޮލޮޖިކަލް ސެންޓަރުގެ މެންޑޭޓްގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި އުތުރު އިންޑިއާ ކަނޑާއި، ބޭ އޮފް ބެންގާލް އަދި އަރަބި ކަނޑުގެ ސަރަޙައްދަށް އަންނަ ތޫފާން ތަކަށް ނަން ދިނުމާއި، ސަމާލުތައް ނެރުން ހިމެނެއެވެ. އެގޮތުން މި ތޫފާންތަކަށް ނަން ދިނުމުގައި ރިއާޔަތް ކުރަނީ މި ސަރަޙައްދުގެ 13 ޤައުމުން ހުށައަޅާ ލިސްޓަށެވެ. އަދި ޤައުމުތަކުން ހުށައަޅާ ނަންތައް ފާސްކޮށްފައިވާއިރު، ތޫފާންތަކަށް ނަން ދޭނީ ފާސްކޮށްފައިވާ ލިސްޓުގައިވާ ތަރުތީބުންނެވެ. އެގޮތުން ދާދި ފަހުން އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނަށް "ނިވާރު" ގެ ނަމުން ނަން ދީފައިވަނީވެސް މި ތަރުތީބުންނެވެ. ތޫފާން ނިވާރަކީ އިންޑިއާއިން ހުށައަޅާފައިވާ ނަމެކެވެ. އަދި އޭރު ތޫފާން ނިވާރަށް ފަހު ލިސްޓުގައި އޮތީ ރާއްޖެއިން ހުށައަޅާ ނަމެވެ.

މިފަހަރުގެ ތޫފާނަށް ބުރެވި، ޚާއްސަވަނީ ބުރެވި ގަހަށް

ސްރީލަންކާގެ ޓްރިންކޮމޮލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބަރުގަދަވެ، ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް މިހާރު މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ވަނީ ލަފާ ކޮށްފައެވެ. އަދި މި ތޫފާން ހުޅަންގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެކަމަށް ލަފާކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ކޮންމެއަކަސް މި ފަހަރު މި ސަރަޙައްދުގައި އުފެދުނު ތޫފާނަށް ނަން ދީފައި މިވަނީ ލިސްޓުގެ ތަރުތީބުން ދިވެހި ރާއްޖެއިން ހުށައެޅި ނަމެވެ. ތޫފާން ބުރެވިގެ ނަމުން ނަންދީފައިވާއިރު، މި ނަން ޚާއްސަ ކޮށްފައިވަނީ ކަނޑޫފާ ސަރަޙައްދު ތަކުގައި އާންމުކޮށް ހެދޭ ބުރެވި ގަހުގެ ނަމުންނެވެ.

"ބްލެކް މެންގްރޫވް" ގެ ނަމުން ނަން ދެވިފައިވާ މި ގަހަކީ އުތުރާއި ދެކުނުގެ ބައެއް ރަށްރަށުގެ ގޮނޑުދޮއް ސަރަޙައްދުންވެސް ފެންނަ ގަހެކެވެ. އާންމު ގޮތެއްގައި 10 މީޓަރު އުހަށް ހެދޭ މި ގަހަކީ ފެހިކަން ގަދަ އަދި ފަތް ކުދި ގަހެކެވެ.

ބުރެވި ގަސް، މިއީ ފެހިކަން ގަދަ އަދި ބޯކޮށް ފެތުރޭ ގަހެއް
ރީޖަނަލް ޤައުމުތަކެއް މީގައި ހިމެނޭނީ، ކޮންމެ ޤައުމަކުންވެސް އިންނާނެ ނަންތަކެއް ހުށައަޅަން ލިސްޓެއް ހަދައިގެން، އެއީ ތޫފާން އައުމުގެވެސް މާ ކުރިން، އެކި ޤައުމުތަކުން ދީފައި ހުރި ނަންތައް ހުންނާނީ، ފަހަރަކު ޤައުމަކުން ދިން ނަމެއް އެ ކިޔަނީ،
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލިޖިސްޓް ހުސައިން ވަޙީދު

މި ލިސްޓަށް ބަލާއިރު، ދެން މި ސަރަޙައްދުގައި އުފެދޭ ތޫފާނަކަށް ކިޔާނީ މިޔަންމާއިން ހުށައަޅާފައިވާ ނަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އެގޮތުން މިޔަންމާއިން ހުށައަޅާފައިވާ ނަމަކީ "ޓައުޓައި" އެވެ.

އޭގެ އިތުރުން، ލިސްޓު ތަރުތީބުން އެކި ޤައުމުތަކުން ދީފައިވާ ނަންތައް ދިނުމަށް ނިންމާފައިވާއިރު، އެންމެ އަވަހަށް ދެން ކިޔާނެ ދިވެހި ނަމަކީ މިދިލިއެވެ. އޭގެ އިތުރުން، ކާނި، އޮޑި، ކުރަނގި، ކުރެދި، ހޯރަނގު، ތުނޑި، ފާނަ، ހިބަރު ފަދަ ނަންތައްވެސް ރާއްޖެއިން ހުށައަޅާފައިވާ ލިސްޓުގައި ހިމެނެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ނަންތައް ހުށައެޅުމުގައި ދިވެހިންގެ މާހައުލާއި، ކަނޑުގެ ދިރުންތަކަށް ކިޔާ ނަންތަކަށް އިސްކަންދީފައިވާނެއެވެ.

- ކޮމެންޓް
1 ޑިސެންބަރ 2020 | އަންގާރަ 22:24
ނަަަލާޔާ
ރަނގަޅު
1 ޑިސެންބަރ 2020 | އަންގާރަ 22:24
ނަަަލާޔާ
ރަނގަޅު