އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވުލްވްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް އަތުން 2-1 ން ވުލްވްސް މޮޅުވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލާފައެވެ. އެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ހިމެނޭޒްގެ ދެ ބޯ ޖެހިގެން ދެ ކުޅުންތެރިންނަށްވެސް އަނިޔާވިއިރު، ހިމެނޭޒަށް ވަނީ ގާތްގަނޑަކަށް 10 މިނެޓު ވަންދެން ދަނޑުމަތީގައި ފަރުވާދީފައެވެ. އަދި އޭނާ އެއާއެކު ސީރިއަސް ހާލަތުގައި ހިމެނޭޒް ވަނީ ސީދާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ވުލްވްސްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލިކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔުމުން ކަމަށާއި، އެއާއެކު ހޯމަ ދުވަހު ކުއްލި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު މިހާރު ހިމެނޭޒްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މި އަނިޔާއާ ގުޅިގެން ހިމެނޭޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ވުލްވްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ހޮސްޕިޓަލުގައި އޮވެ ހިމެނޭޒް ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ހިތްވަރުދީ މެސެޖުތައް ފޮނުވި އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ވަގުތު އޭނާ އޮތީ އޮބްޒަވޭޝަނުގައި ކަމަށާއި، އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ހިމެނޭޒަށް އަނިޔާވިއިރު، މި ސީޒަނުގައި އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވުލްވްސްއިން މިހާތަނަށް ކުޅުނު 10 މެޗުގައި ހިމެނޭޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
އާސެނަލުގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވުލްވްސް މޮޅުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި 10 މެޗުން 17 ޕޮއިންޓާއެކުއެވެ. ލީގުގައި ދެން ވުލްވްސްއިން މެޗެއް ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހު ރަށުން ބޭރުގައި ވުލްވްސް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.