މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ސައުތެމްޓަން އަތުން ފަހަތުން އަރައި 3-2 ން ޔުނައިޓެޑް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަވާނީގެ އެހީއާއެކުއެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމުގައި ކަވާނީ އެހީވިއިރު، އަނެއް ދެ ލަނޑު ޖަހާ މެޗުން ޔުނައިޓެޑް މޮޅުކޮށްދިނީ ކަވާނީއެވެ.
އެ މެޗަށްފަހު ސަޕޯޓަރުން މަރުހަބާ ކިޔުމަށް ކުރި ޕޯސްޓެއް ހިއްސާކުރުމަށްފަހު ކަވާނީ ވަނީ ސްޕެނިޝް ބަހުން ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" މި ލަފުޒު ބޭނުންކޮށްފައެވެ. އެކަމަކު އެ ޕޯސްޓާއެކު ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ކަވާނީ ވަނީ އެ ޕޯސްޓް ފަހުން ޑިލީޓް ކޮށްލާފައެވެ.
އެއާއެކު އިނގިރޭސި އެފްއޭއިން މިހާރު ވަނީ ކަވާނީގެ މައްސަލަ ބަލަން ފަށާފައެވެ. އެކަމަކު ކަވާނީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ކުރި ޕޯސްޓުގައި އެ ލަފުޒު ބޭނުންކުރީ އޭނާގެ ރަހުމަތްތެރިއަކާ ދިމާލަށް ކަމަށާއި، އެއީ ސަމާސާއެއްގެ ގޮތުގައި ކުރިކަމެއް ކަމަށެވެ. އަދި އޭނާ ބޭނުންކުރި އިބާރާތަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވުމާއެކު އެ ޑިލީޓް ކޮށް، އެކަމަށް މާފަށް އެދޭ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ޔުނައިޓެޑުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ޕޯސްޓް ގޯސްކަން އެނގުނު ހިސާބުން ކަވާނީ އެ ޑިލީޓް ކުރި ކަމަށާއި، އެއީ އޭނާ ގަސްދުގައި ނަސްލީ ތަފާތުކުރުމަށް ބާރުއަޅަން ކުރިކަމެއް ނޫން ކަމަށެވެ.
ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ކަވާނީ ބޭނުންކުރުމާ ގުޅިގެން އެ މައްސަލަ އިނގިރޭސި އެފްއޭއިން ބަލަމުން އަންނައިރު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހަމަ މިފަދަ މައްސަލައެއްގައި ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު ޑެލޭ އަލީ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަލީ ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭއިން އެ ފަހަރު ނިންމީ ސްނެޕްޗެޓަށް އަޕްލޯޑްކުރި ވީޑިއޯއެއްގައި ނަސްލީ ގޮތުން ތަފާތުކޮށް ޖޯކު ޖެހުމާ ގުޅިގެންނެވެ.