އިޒްރޭލް ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ފަލަސްތީނުގެ ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ފަލަސްތީނުގެ ޖަމިއްޔާއަކުން ބުނެފިއެވެ.
އުމުރުން 57 އަހަރުގެ މަރްވާން ބަރްގޫތީގެ ސިއްހީ ހާލު ދަށަށް ދިޔައީ، އިޒްރޭލުން ޖަލަށްލާފައިވާ ފަލަސްތީނުގެ ގައިދީންގެ ތެރެއިން 1،500 މީހުން މިދިޔަ ހަފްތާއިން ފެށިގެން ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި، ބަރްގޫތީ ބައިވެރިވުމުގެ ސަބަބުންނެވެ.
ފަލަސްތީނުގެ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޕަލަސްތީނިއަން ޕްރިޒަނާސް އިން ބުނީ ބަރްގޫތީ ސިއްހީ ފަރުވާ ހޯދުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަރަށް ގޯސްވަމުންދާ ކަމަށެވެ.
ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މިިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހަކީ ފަލަސްތީނުގައި، ފަލަސްތީނަށް ނިސްބަތްވާ ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް އެދި ގޮވާލާ ފާހަގަކުރި ހާއްސަ ދުވަހެއް ވެސް މެއެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު އަދިވެސް ކުރިއަށްދާއިރު ގައިދީން ގޮވާލަމުންދަނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށެވެ. އޭގެ ތެރޭގައި ރަނގަޅު ބޭސްފަރުވާ ލިބުން ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވާ މީހުންގެ އަދަދު އުޅެނީ 700 އާއި 2,000 ދެމެދުގައެވެ. އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށި ސަބަބަކީ އިޒްރޭލުގެ ޖަލެއްގައި ހުރި މަރްވާން ބަރްގޫތީ އެކަމަށް ގޮވާލުމުންނެވެ. ބަރްގޫތީއަކީ މީހަކު ގަސްތުގައި މަރާލަން އުޅުނު ކަމުގެ ދައުވާތަކުގައި 40 އަހަރު ޖަލުގައި ހޭދަކުރަން ޖެހިފައިވާ މީހެކެވެ. ބަރްގޫތީ ޖަލުގައި ހުއްޓަސް އޭނާގެ މަގުބޫލުކަން އަދިވެސް ބޮޑުއިރު، އަދިވެސް ފަަލަސްތީނުގެ ފަތަހް ޕާޓީގައި އޭނާއަކީ ލީޑަރެއްގެ ދަރަޖައިގައި ހުރި މީހެކެވެ.