ވުލްވްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމާ ގުޅިގެން ކުއްލި އޮޕަރޭޝަނެއް ކޮށްފިއެވެ.
ހިމެނޭޒްގެ ބޮލުގެ ނާށިގަނޑަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް އަތުން 2-1 ން ވުލްވްސް މޮޅުވި މެޗުގައެވެ. އެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ހިމެނޭޒްގެ ދެ ބޯ ޖެހިގެން ދެ ކުޅުންތެރިންނަށްވެސް އަނިޔާވިއިރު، ހިމެނޭޒަށް ވަނީ ގާތްގަނޑަކަށް 10 މިނެޓު ވަންދެން ދަނޑުމަތީގައި ފަރުވާދީފައެވެ. އަދި އޭނާ އެއާއެކު ސީރިއަސް ހާލަތުގައި ހިމެނޭޒް ވަނީ ސީދާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ވުލްވްސްއިން ނެރުނު ބަޔާނެއްގައި ބުނީ ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލިކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔުމުން ކަމަށާއި، އެއާއެކު ހޯމަ ދުވަހު ކުއްލި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު މިހާރު ހިމެނޭޒް ހޭއަރާފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި އަނިޔާއާ ގުޅިގެން ހިމެނޭޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ވުލްވްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ސީޒަނުގައި ވުލްވްސްއިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ހިމެނޭޒް އަންނަނީ އެ ޓީމުގެ ކުރީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވުލްވްސްއިން މިހާތަނަށް ކުޅުނު 10 މެޗުގައި ހިމެނޭޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލިއިރު، ޕްރިމިއާ ލީގުގައި މިފަދަ ގޮތަކަށް އެންމެ ފަހުން ކުޅުންތެރިއަކަށް އަނިޔާވީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެވަޓަނުގެ ޑިފެންޑަރު މައިކަލް ކީންއަށެވެ. އެނާއަށް އެ ފަހަރު ލިބުނު އަނިޔާއާ ގުޅިގެން މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
އާސެނަލުގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވުލްވްސް މޮޅުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި 10 މެޗުން 17 ޕޮއިންޓާއެކުއެވެ. ލީގުގައި ދެން ވުލްވްސްއިން މެޗެއް ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހު ރަށުން ބޭރުގައި ވުލްވްސް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.