އަންގާރަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ. އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެންބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ.
އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކޯޓުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
އެހެންނަމަވެސް، ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ރިސެސްގެ މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އިއުލާނުގައި ބުނެފައިވެއެވެ.