ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 11:14
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެލްސީ އާއި ޓޮޓެންހަމް އެއްވަރު، ޔުނައިޓެޑަށް މުހިންމު މޮޅެއް
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ން
ސައުތެމްޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ސައުތެމްޓަން އަތުން ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް މުހިންމު މޮޅެއް ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ޗެލްސީ އާއި ޓޮޓެންހަމް ކުޅުނު މެޗެއް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގައި ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި ޗެލްސީގެ ފޯވާޑް ޓިމޯ ވާނާ ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގައި ޗެލްސީގެ ގޯލާ އަމާޒުކޮށް ޓޮޓެންހަމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެގޮތުން އެ ޓީމުގެ ސާޖް އޯރިއޭ ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ޗެލްސީއަށް ލީޑު ނަގަން ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗުގައި ޗެލްސީ ކޮޅަށް ލަނޑެއް ވަދެފައިނުވާއިރު، މިއީ މި ނިމުނު ޓްރާންސްފާގައި ޗެލްސީއާ ގުޅުނު ގޯލްކީޕަރު މެންޑީ އެ ޓީމަށް ކުޅެދިން 11 މެޗުގެ ތެރެއިން ހާސިލުކުރި އަށްވަނަ ކްލީންޝީޓެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ހަ މެޗު ކުޅެފައިވާއިރު، މެންޑީ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވުމުން ޓޮޓެންހަމް ވަނީ ތާވަލުގެ އެއްވަނައަށް އަލުން ޖެހިލާފައެވެ. އެ ގޮތުން ޓޮޓެންހަމް އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ. ހަމަ މި އަދަދަށް ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށްވެސް ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ސައުތެމްޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ން

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ޔުނައިޓެޑް މޮޅުވީ ފަހަތުން އަރައި ސައުތެމްޓަން އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ޔެން ބެޑްނަރެކް ސައުތެމްޓަނަށް ލީޑު ނަގައިދިންއިރު، އޭގެ 10 މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޖޭމްސް ވޯޑް-ޕްރައުސްއެވެ.

އެކަމަކު ޔުނައިޓެޑުން މެޗުގެ ނަތީޖާ ބަދަލުކޮށްލީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ފޯވާޑް އެޑިންސަން ކަވާނީގެ އެހީއާއެކުއެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ކަވާނީގެ އެހީއާއެކު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ލަނޑުން ޔުނައިޓެޑުން ފަރަގު ކުޑަކުރިއިރު، މެޗުގެ 74 ވަނަ މިނެޓުގައި ކަވާނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކަވާނީ ޖެހީ އިތުރު ވަގުތުގައެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ އަށްވަނައިގައި ނުވަ މެޗުން 16 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އަތުން ބަލިވި ސައުތެމްޓަން އޮތީ ތާވަލިގެ ފަސްވަނައިގައި 10 މެޗުން 17 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އާސެނަލް ކުޅުނު މެޗުން ވަނީ 2-1 ން ވުލްވްސް އަތުން ބަލިވެފައެވެ. މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 10 މެޗުން 13 ޕޮއިންޓާއެކު ލީގުގެ 14 ވަނައިގައެވެ. މިއީ 1981 ވަނަ އަހަރަށްފަހު އެ ޓީމުން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް