ކ. މާލެ
|
29 ނޮވެންބަރ 2020 | އާދީއްތަ 20:05
ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 4-0 ން
ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 4-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އޮސަސޫނާ އަތުން ބާސާއަށް ބޮޑު މޮޅެއް
އޮސަސޫނާ އަތުން ބާސާ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ބާސާ ވަނީ 14 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތްވަނައަށް ޖެހިލާފައި

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އޮސަސޫނާ އަތުން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ފޯވާޑް މާޓިން ބްރެތުވެއިޓެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބާސާއަށް ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް އެންޓޮއިން ގްރީޒްމަނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ބާސާއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ގްރީޒްމަން ދިން ޕާހަކުން މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބާސާއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެ ޓީމުގެ ފްރަންސިސްކޯ ޓްރިންކާއޯ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ބާސާ ވަނީ ނުވަ މެޗުން 14 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. ބާސާ އަތުން ބަލިވި އޮސަސޫނާ އޮތީ ތާވަލުގެ 15 ވަނައިގައި 10 މެޗުން 11 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް