އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ލަނޑުތަކުގެ މެދުގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ކުރިއަށްގެންދިޔަ އޭއެފްސީ ބްރެކެޓް ޗެލެންޖް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްފިއެވެ.
މި ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރީ ހޮންކޮންގުގެ ސައުތު ޗައިނާ ކުލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީއާއެވެ. އަދި ފައިނަލް ދަގަނޑޭ ކާމިޔާބުކުރީ ފަސޭހަކަމާއެކު 89.14 އިންސައްތަ ވޯޓާއެކުއެވެ. އަދި ޗޭން ސިއު ކީއަށް ލިބުނީ 10.86 އިންސައްތަ ވޯޓެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ މި ޗެލެންޖުގައި ދަގަނޑޭގެ ލަނޑުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައުމު ސޯލޯ ލަނޑެވެ. އެ ލަނޑު ވަނީ މީގެ ކުރިން އޭއެފްސީން ހޮވި އެންމެ މޮޅު ސޯލޯ ލަނޑަށްވެސް ހޮވިފައެވެ. އެ ލަނޑު އޭނާ ޖަހާފައިވަނީ ޕާސިބޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްކީޕަރު ދެ ކޮޅަށް ތަޅުވާލުމަށްފަހުއެވެ.
ބްރެކެޓް ޗެލެންޖުގެ ވޯޓުލުން ކުރިއަށްދިޔައިރު، ސޯޝަލް މީޑިއާގައި ދިވެހިން ވަނީ ދަގަނޑޭއަށް ވޯޓު ހޯދުމަށް ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ.
ދިވެހިން ހިންގި ބޮޑު ކެމްޕެއިނަށްފަހު ބްރެކެޓް ޗެލެންޖް ކާމިޔާބުކުރެވުމާއެކު ދަގަނޑޭ ވަނީ ދިވެހި ސަޕޯޓަރުންނަށް ޝުކުރު ބަންޑުންކޮށްލާފައެވެ. ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ އާބާދީގެ ގޮތުން ބޮޑެތި ގައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް ކަމަށްވެސް ބުންޏެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރުމަށް އަޅުގަނޑަށް ވޯޓުލުމުގަ އާއި ވޯޓު އިތުރު ކޮށްދެއްވުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން! މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް! އާބާދީގެ ގޮތުން ބޮޑެތި ގައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން!ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)
ބްރެކެޓް ޗެލެންޖުގެ ފައިނަލް ދަގަނދޭ ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު، މި ޗެލެންޖުގައި ދަގަނޑޭ ވަނީ ކުވެއިތު އެސްސީގެ ރޮޖެރީނިއޯ އާއި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާފައިނަލުގައި ހަނޯއިގެ ގުޔެން ވެން ޔުޔެޓް އަދި ސެމީފައިނަލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށްވެސް ކުރިހޯދާފައެވެ.