އެމެރިކާ އާއި ޖަޕާނާއި ދެކުނުކޮރެއާގެ މަންދޫބުން ޓޯކްޔޯގައި ބައްދަލުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާ ކަނޑުގެ ސަރަހައްދަށް ވަދެއްޖެއެވެ.
އުތުރުކޮރެއާއިންވަނީ އެގައުމުގެ އަސްކަރިއްޔާ އުފެދުނުތާ 85 އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހު ހަތިޔާރުތައް ދައްކާލުމުގެ ބޮޑު ޑްރިލްއެއް ބާއްވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެކުނު ކޮރެއާގެ އިދާރާތަކާ ހަވާލާދީ އެގައުމުގެ ނޫސް އިދާރާ ޔޮނެޕްސްއިން ބުނީ ވޮންސަން ސިޓީގައި އުތުރު ކޮރެއާއިން ކުރިޔަށް ގެންދިއަ ޑްރިލްގައި ލައިވް ހަތިޔާރު ބޭނުންކޮށްފައިވާކަމަށެވެ.
ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީއިން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަސްކަރިއްޔާގެ އެތައް ހާސް އިސް އޮފިޝަލުންނަކާއި އާއްމުންގެ އޮފިޝަލުންނާއެކު އޮތް ގައުމީ ބައްދަލުވުމެއްގައި ކޮރެއާގެ ޑިފެންސް މިނިސްޓަރ ޕާކް ޔޮންގ ސިކް ވަނީ އެމެރިކާގެ ފަރާތުން އަތުވެދާނެ ހަމަލާއަކުން ދިފާއުވުމަށް ހަމަލާއެއް ދޭން ޖެހިއްޖެ ކޮންމެ ހިނދެއްގައި ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ގައުމުން ބުނަމުންދާ ބުނުން ތަކުރާރު ކުރައްވާފައެވެ.
މި ބައްދަލުވުމަށް އުތުރުކޮރެއާގެ ލީޑަރ ކިމް ޖޮން އުން ވަޑައިގެންފައެއް ނުވެއެވެ.
އުތުރުކޮރެއާއިން ގެންދަނީ އެގައުމުގެ ފާހަގަކޮށްލެވޭ ދުވަސްތައް ފާހަގަކުރުމަށް އެތައް ފަހަރެއްގައި ނިއުކްލިއަރ ޓެސްޓްތައް ކޮށްފައެވެ. އެ ފަދަ ފަސް މުނާސަބަތެއްގައި އެގައުމުން މިސައިލް ޓެސްޓްކޮށްފައިވެއެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުވެސް އެގައުމުން ވަނީ ޒަމާނީ އުތުރުކޮރެއާގެ ބާނީ، އަވަހާރަވެފައިވާ ކުރީގެ ލީޑަރ ކިމް އިލް ސަންގ ގެ 105 ވަނަ އުފަން ދުވަސް ފާހަގަކުރުމަށްވެސް ވަނީ މިސައިލެއް ލޯންޗް ކޮށްފައެވެ.