ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 14:34
އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއާ
އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއާ
ގެޓީ އިމޭޖަސް
ލޫކަސް ޑީނިއާއަށް އަނިޔާވުން
ޑީނިއާއަށް އަނިޔާވެ ދެ ތިން މަހަށް ކުޅުމާ ދުރަށް
ޑީނިއާއަށް އަނިޔާވީ އެވަޓަނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އަނިޔާއާ ގުޅިގެން ހޯމަ ދުވަހު ޑީނިއާ އޮޕަރޭޝަނެއް ކުރާނެ

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއާ ދެ ތިން މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރަށް އަނިޔާވީ އެވަޓަނުން މި ހަފުތާގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑީނިއާގެ ކަކުލަށް އަނިޔާވިއިރު، މި އަނިޔާއާ ގުޅިގެން ހޯމަ ދުވަހު އޭނާ އޮޕަރޭޝަނެއް ކުރާނެއެވެ. އެހެންކަމުން އެ އޮޕަރޭޝަނަށްފަހު ކުޅުމުގެ ތެރެއަށް ޑީނިއާއަށް އާދެވޭނީ ދެ ތިން މަސް ފަހުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެވަޓަނުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ޑީނާއާއަކީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ވައަތު ޑިފެންޑަރު ކަމަށާއި، އޭނާއަށް އަނިޔާވުމަކީ އެ ޓީމަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު ޑީނާއާ ނެތްތަން ފޫބެއްދޭނެވަރުގެ ކުޅުންތެރިން އެ ޓީމުގައި މި ވަގުތު އެބަތިބި ކަމަށްވެސް އަންޗެލޮޓީ ބުންޏެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑީނިއާ ނެތްތަން ފޫބައްދާނީ މި އަހަރުގެ ޖުލައި މަހު މާސޭ ދޫކޮށް ހިލޭ ޓްރާންސްފާއެއްގެ ދަށުން އެވަޓަނާ ގުޅުނު އުމުރުން 20 އަހަރުގެ ނީލްސް އެންކުންކޫއެވެ.

ޑީނިއާއަށް ލިބުނު އަނިޔާއާ ގުޅިގެން ދެ ތިން މަހަށް އޭނާ ކުޅުމާ ދުރަށްދާން ޖެހިފައިވާއިރު، ކުރިއަށް ޑިސެމްބަރު މަހު އެވަޓަނުން މުހިންމު މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، އާސެނަލް އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުތަކާއި، އިނގިރޭސި ލީގު ކަޕުގެ ކުއާޓާފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެވަޓަން ނުކުންނަ މެޗުގައިވެސް ޑީނިއާއަށް ނުކުޅެވޭނެއެވެ.

މި ސީޒަނުގައި އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެވަޓަނުން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ޑީނިއާ ވަނީ މިހާތަނަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަނުން މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުގައި ޑީނިއާ ކުޅެފައިވާއިރު، އެ ޓީމު މި ވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައި 16 ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން އެވަޓަނުން މެޗެއް ކުޅޭނީ ހޮނިހިރު ދުވަހުގެރެއެވެ. ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެވަޓަން ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް