ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 13:13
ބާސެލޯނާގެ ކުޅުންތެރިން ތަމްރީނުތަކުގައި: މުސާރަ ކުޑަކުރަން ކުޅުންތެރިން ވަނީ އެއްބަސްވެފައި
ބާސެލޯނާގެ ކުޅުންތެރިން ތަމްރީނުތަކުގައި: މުސާރަ ކުޑަކުރަން ކުޅުންތެރިން ވަނީ އެއްބަސްވެފައި
ގެޓީ އިމޭޖަސް
ކުޅުންތެރިންގެ މުސާރަ ކުޑަކުރުން
ކުޅުންތެރިންގެ މުސާރަ ކުޑަކޮށް ބާސާއިން 122 މިލިޔަން ޔޫރޯ ސަލާމަތްކުރަނީ
ތިން އަހަރަށް ބަހާލައިގެން ވަކި ވަރަކަށް މުސާރަ ނުނަގަން ވަނީ ނިންމާފައި
މާޗު މަހުގެ ތެރޭގައިވެސް ބާސާގެ ކުޅުންތެރިން ވަނީ މުސާރައިން 70 އިންސައްތަ އުނިކޮށްފައި

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިބާ މާލީ މައްސަލަތަކުން އަރައިގަންނަން އެހީވުމުގެ ގޮތުން ބާސެލޯނާގެ ކުޅުންތެރިން މުސާރައިގެ ވަކި އިންސައްތައެއް ކުޑަކުރަން އެއްބަސްވެއްޖެއެވެ.

ބާސާގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެންމެ ފުރަތަމަ ހުށަހެޅީ އޮކްޓޯބަރު މަހުގެ ތެެރޭގައި އެ ކުލަބުގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއެވެ. އެގޮތުން ބާޓޮމެއޫ ވަނީ ކުޅުންތެރިންނާއި އެ ކުލަބުގެ މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ހުށަހަޅާފައެވެ. އެކަމަކު އެ ހުށަހެޅުމަށް އެ ކުލަބުގެ ކުޅުންތެރިން އެ ފަހަރު ދެކޮޅު ހެދިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ބާސާ އަޑިއަޅާލާނެ ކަމަށް މީގެ ކުރިންވެސް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އެކަމުން އަރައިގަންނަން ބާސާއިން ވަނީ ކުޅުންތެރިންނާއެކު އެކި ފަހަރު މަތިން މަޝްވަރާތަކެއް ބާއްވާފައެވެ. އެގޮތުން މީގެ ކުރިން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ، ކްލެމެންޓް ލޯންގްލޭ، ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން އަދި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އެއްބަސްވުން އާކުރިއިރު ވަނީ ކޮވިޑް-19 ގެ މި ދަނޑިވަޅުގައި މުސާރައިން ވަކި އިންސައްތައެއް އުނިކުރަން އެއްބަސްވެފައެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބާސާގެ ހުރިހާ ކުޅުންތެރިން މިހާރު ވަނީ ކުލަބަށް އެހީވުމުގެ ގޮތުން ތިން އަހަރަށް ބަހާލައިގެން ވަކި ވަރަކަށް މުސާރަ ނުނަގަން ނިންމާފައެވެ. އެހެންކަމުން ކުޅުންތެރިންގެ މުސާރައިން 122 މިލިޔަން ޔޫރޯ ބާސާއަށް ސަލާމަތްކުރެވޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާގެ ކުޅުންތެރިން މުސާރަ ކުޑަކުރަން ދެވަނަ ފަހަރަށް އެއްބަސްވިއިރު، ކޮވިޑް-19 ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އެހީވުމަށް މި އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ބާސާގެ ކުޅުންތެރިން ވަނީ މުސާރައިން 70 އިންސައްތަ އުނިކުރަން އެއްބަސްވެފައެވެ. އެ ފަހަރު ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމީ އެ ކުލަބުގެ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށް ޝަރުތުކޮށެވެ.

ބާސާގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް ވިދާޅުވީ އެ ކުލަބުގެ މާލީ ހާލަތުގެ ކަންތައްތައް އެހާ އާދައިގެ ގޮތަކަށް ނުނަގާ ކަމަށާއި، އެ ކުލަބުގެ އާމްދަނީ އިތުރު ނުކުރެވިއްޖެނަމަ ކުލަބު އިތުރަށް މާލީ ގޮތުން ދަށް ހާލަތަކަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވާފައިވާއިރު، އެ ކުލަބުގެ އައު ރައީސަކު ހޮވާ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް