ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 09:56
އެފްއޭއެމް ފައުންޑޭޝަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ލޯންޗުކޮށްދެއްވަނިކޮށް
އެފްއޭއެމް ފައުންޑޭޝަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ލޯންޗުކޮށްދެއްވަނިކޮށް
އެފްއޭއެމް
އެފްއޭއެމް ފައުންޑޭޝަން ލޯންޗުކުރުން
އެފްއޭއެމް ފައުންޑޭޝަން ލޯންޗުކޮށް އެމްބެސެޑަރުން ދައްކާލައިފި
އެފްއޭއެމް ފައުންޑޭޝަނަށް ގިނަ އެމްބެސެޑަރުންތަކެއް ވަނީ ހަމަޖައްސާފައި
ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގާނެ
ފައުންޑޭޝަނުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބަހާލާފައިވަނީ ހަތަރު ބަޔަކަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ފައުންޑޭޝަން ލޯންޗުކޮށް، ފައުންޑޭޝަނުގެ އެމްބެސެޑަރުން ހުކުރު ދުވަހު ދައްކާލާފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެފްއޭއެމް ފައުންޑޭޝަން ލޯންޗުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. އަދި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު އަލީވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެފްއޭއެމުގެ އިސްވެރިންނާއި، އެފްއޭއެމް ފައުންޑޭޝަނުގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ކުޅުންތެރިންވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަދަކީ ފުޓްބޯޅަ އާއިލާއަށް އުފާވެރި ދުވަހެއް ކަމަށާއި، ޒަމާނުއްސުރެ ފުޓްބޯޅަ އާއިލާއިން މުޖުތަމައަށް ފައިދާ ކުރާނެ އެތަކެއް ކަމެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު ފުޓުބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫންކަން އެންމެނަށް އެނގޭނެ ކަމަށާއި، ފުޓްބޯޅައިގެ ސަބަބުން ދިރިއުޅުމަށް އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރިވެތި އަޚުލާގު ފުޓްބޯޅައިގެ ސަބަބުން ދަސްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމް ފައުންޑޭޝަންގެ އެމްބެސެޑަރުންގެ ގޮތުގައި ޑްރީމް ޓީމެއް ގޮތަށް މި މަސައްކަތުގައި ފުޓްބޯޅައިގެ މުހިންމު ކުޅުންތެރިންތަކެއް ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޓީމެއްގައި ވަކި އަދަދަކަށް ކުޅުންތެރިން ތިބި ނަމަވެސް މި ފައުންޑޭޝަނާއި ވީހާވެސް ގިނަ ކުޅުންތެރިން ގުޅޭނެ ކަމަށާއި، އޭގެ ބޭނުމަކީ ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުން ކަމަށްވެސް ވިދާޅުވިއެވެ.

އެފްއޭއެމް ފައުންޑޭޝަނުގެ އެމްބެސެޑަރުން:

  • އަލީ އަޝްފާގު: ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ފޯވާޑް
  • ފަދުވާ ޒާހިރު: ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން
  • ލައިޝާ ޖުނައިދު: ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ
  • މަރިޔަމް މިރްފަތު: ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން
  • އައްސަދު އަބްދުލް ޣަނީ: ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން
  • އީތަން އިބްރާހީމް ޒަކީ: 14 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ
  • ޝާހު އިސްމާޢީލް: ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ނަންބަރު ފޯވާޑް
ފީފާ ސެންޗަރީ ކުލަބުގައި ހިމެނުނުނު ގޯލްކީޕަރު އިމްރާން މުޙައްމަދަށް ހަނދާނީ ފިލާ އަރުވަނިކޮށް

އެފްއޭއެމް ފައުންޑޭޝަނުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ އެޑިއުކޭޝަނާއި އެވެއާނަސް ޕްރޮގްރާމްސް އާއި ސޯޝަލް އެންޑް ކޮމިއުނިޓީ ޕްރޮގްރާމްސް އާއި ފުޓްބޯލް އިވެންޓްސް އަދި އެޑިޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިނީޝިއޭޓިވްސްއެވެ. މީގެ އިތުރުން އެފްއޭއެމް ފައުންޑޭޝަނުގެ ޕާޓްނަރުންގެ ގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

މި ރަސްމިއްޔާތުގައި އެފްއޭއެމުން ވަނީ ތަޢުލީމާ ބެހޭ ވުޒާރާއަށް 20،000 މާސްކް އަދި 5،000 ސެނެޓައިޒާ ފުޅި ހަދިޔާކޮށްފައެވެ. މީގެ އިތުރުން ޔުނައިޓެޑް އަރަބި އެމިރޭޓްސް ފުޓްބޯލް އެސޯސިއޭޝަނުން އެފްއޭއެމަށް ހަދިޔާކުރި 200 ޕީސީއާރް ކިޓް ވަނީ އައިޖީއެމްއެޗްއާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ކުޅެދީފައިވާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދު ފީފާ ސެންޗަރީ ކުލަބުގައި ހިމެނުމުން ފީފާއިން ދިން ހަނދާނީ ފިލާ އޭނާއަށް ވަނީ ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް