ކ. މާލެ
|
27 ނޮވެންބަރ 2020 | ހުކުރު 23:02
ނޫސްވެރިންގެ ބައްދަލުވުމުގައި ކޯފާ އިސް ކުރައްވައި ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ކޯފާ އިސް ކުރައްވައި ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ
އޭއެފްޕީ
އެމެރިކާގެ ރިޔާސީ އިންތިޚާބު 2020
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ކޯފާ އިސްކުރައްވައި، އެމަނިކުފާނަކީ ރައީސެއްކަން ހަނދުމަ ކޮށްދެއްވައިފި
އެމަނިކުފާނާ އެ ބީދައިން ވާހަކަ ނުދެއްކުމަށް ވިދާޅުވި
މިއީ އިންތިޚާބަށް ފަހު އެމަނިކުފާނު މިފަދައިން ބައިވެރިވެވަޑައިގަތް ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން

އެމެރިކާގެ ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާ އިސްކުރައްވައި އެމަނިކުފާނަކީ އަދިވެސް ޤައުމުގެ ރައީސް ކަމަށް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެހެން ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވަންތޯއާއި، އޮމާންކަމާއެކު ބާރުތައް ބަދަލު ކުރެއްވުމުގެ މަރުޙަލާ ކުރިއަށް ގެންދަވާނެތޯ ރޮއިޓަރސްގެ ރިޕޯޓަރެއް ކަމަށްވާ ޖެފް މޭސަން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން އެކަމާ ކޯފާ އިސް ކުރައްވައިގެންނެވެ. އެގޮތުން ޓްރަމްޕް ވަނީ އެމަނިކުފާނަކީ ރައީސްކަން ފާހަގަކުރައްވައި އެމަނިކުފާނާ އެ ބީދައިން ވާހަކަ ނުދެއްކުމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ބަލި ޤަބޫލު ކުރެއްވުމަކީ އުނދަގޫކަމެއްކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އަނެއްކާވެސް ވޯޓު އޮޅުވާލާފައިވާ ކަމަށް ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެހެން ނަމަވެސް ހުވާ ކުރެއްވުމުގެ މަރުޙަލާއަށް ދިއުމުން އޮމާންކަމާއެކު ވައިޓްހައުސްއިން ނުކުމެވަޑައިގަންނަވާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ އެހިސާބަށް ދިއުމުން އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ފަހު އެމަނިކުފާނު މިފަދައިން ބައިވެރިވެވަޑައިގަތް ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އިންތިހާބުގައި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތައް އެމެރިކާގެ ސްޓޭޓްތަކުގެ އިލެކްޝަން އޮފިޝަލުން ވަނީ ދޮގުކޮށްފައެވެ. އަދި އެއްވެސް ވޯޓިން ސިސްޓަމަކުން ވޯޓުތަކަށް ބަދަލު ގެނައުމުގެ ހެއްކެއް ނެތްކަމަށް ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނުގެ ކެމްޕޭނުން ވޯޓާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް