އޭއެފްސީ އެލީޓް ޔޫތު ސްކީމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަލައިގެންފިއެވެ.
އޭއެފްސީ އެލީޓް ޔޫތު ސްކީމުގެ ތެރެއަށް ވަންނަން މަދުވެގެން 11 ކެޓެގަރީ ފުރިހަމަކުރަން ޖެހޭއިރު، އޭއެފްސީ އެލީޓް ޔޫތު ސްކީމުން ރާއްޖެ ބަލައިގަތީ 20 ކެޓެގަރީގެ ކަންތައްތައް ފުރިހަމަކޮށްފައިވުމުންނެވެ. އޭއެފްސީ އެލީޓް ޔޫތު ސްކީމުން މެންބަރު ގައުމެއް ބަލައިގަންނަން ނިންމާއިރު ބަލާ ކެޓެގަރީތަކުގައި ހިމެނެނީ ލީޑަޝިޕް، ޕްލޭނިންގ، އޮގަނައިޒޭޝަން، ސްޓާފިންގ، ރެކްރޫޓްމަންޓް، ފައިނޭންސް، ފެސިލިޓީސް، ޓީމްސް، ކޯޗިންގ، ޕްލޭއިންގ، ޕްލޭޔާ ޕާފޯމަންސް، ހެލްތު، ފިޓްނަސް، ސައިކޮލޮޖީ، ވެލްފެއާ، އެޑިއުކޭޝަން، ކޮލާބްރޭޝަން، އެސެސްމަންޓް، ރޫލްސް އަދި ރިޒަލްޓްސްއެވެ.
އޭއެފްސީން ބަލައިގަތް އެފްއޭއެމުގެ ޔޫތު ފުޓްބޯޅައިގެ މަސައްކަތްތަކުގެ ތެރޭގައި ޔޫތު އެކެޑަމީ ލީގާއި، 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވާ ކުލަބު މުބާރާތުގެ އިތުރުން މުޅި ރާއްޖޭގެ 18 އެކެޑަމީއެއް އުފެއްދުމަށް އެފްއޭއެމުން އެހީތެރިވެދިނުން ހިމެނެއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފުރަތަމަ އެ އިދާރާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ވަނީ "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި ޒުވާން ކުޅުންތެރިން ބިނާކުރުމަށް ހާއްސަ މަޝްރޫއެއް ފަށާފައެވެ. އެ ގޮތުން 2018 ވަނަ އަހަރު 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް ލީގެއް ބޭއްވިއިރު، މިދިޔަ އަހަރު ވަނީ އެ ލީގު އިތުރަށް ފުޅާކޮށް 14 އަހަރުން ދަށާއި 12 އަހަރުން ދަށަށް މުބާރާތް ބާއްވާފައެވެ.
މީގެ އިތުރުން ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެފްއޭއެމުން ވަނީ މިދިޔަ އަހަރު ޔުއެފާގެ އެހީގައި އައްޑޫ ސިޓީގައި 15 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްވެސް ބާއްވާފައެވެ. މީގެ އިތުރުންވެސް ގްރާސްރޫޓް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ބާއްވަމުން އަންނައިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޭއެފްސީން ވަނީ ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ރާއްޖޭގެ އަގުވަޒަންކޮށް ބްރޮންޒް މެމްބާޝިޕުވެސް ދީފައެވެ.
ރާއްޖޭގެ ގައުމީ ޔޫތު ޓީމުތަކުން މި ފަހަކަށް އައިސް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން މިދިޔަ އަހަރުގެ ސާފް މުބާރާތުގެ ލޯ މެޑަލް ހޯދުމެވެ. އަދި ގައުމީ ޓީމުތަކުގެ އިތުރުން ރާއްޖޭގެ ކުލަބުތަކުގެ އެކެޑަމީ ޓީމުތަކުންވެސް ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ވަނަތަކެއް ހޯދާފައެވެ.