ކ. މާލެ
|
26 ނޮވެންބަރ 2020 | ބުރާސްފަތި 11:05
ބަޔާނާއި ސާލްޒްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 3-1 ން
ބަޔާނާއި ސާލްޒްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބަޔާނާއި ސިޓީ ދެވަނަ ބުރަށް
ސާލްޒްބާގް އަތުން ބަޔާން މޮޅުވީ 3-1 ގެ ނަތީޖާއަކުން
އޮލިމްޕިއާކޯސް އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ބަޔާން ކަށަވަރުކުރީ ގްރޫޕް އޭގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ސާލްޒްބާގް އަތުން 3-1 ން މޮޅުވެގެންނެވެ.

ބަޔާނުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 66 ވަނަ މިނެޓުގައި ބަޔާނުގެ މާކް ރޮކާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކި ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ލެރޯއި ސާނޭ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި މެޗުގައި ސާލްޒްބާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާގީމް ބެރީޝާއެވެ.

މި މޮޅާއެކު ބާކީ ދެ މެޗު އޮއްވައި ބަޔާނުން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކުރީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓް ހަަމަކޮށްގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލޮކޮމޯޓިވް މޮސްކޯއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެހެންކަމުން ހަތަރު މެޗުން އެތުލެޓިކޯއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި އޮތް މޮސްކޯއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސާލްޒްބާގަށް ލިބިފައިވަނީ ހަތަރު މެޗުން އެންމެ ޕޮއިންޓެކެވެ.

އޮލިމްޕިއާކޯސް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 1-0 ން

މީގެ އިތުރުން މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ސިޓީން ކަށަވަރުކުރީ ގްރޫޕް ސީގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން 1-0 ން މޮޅުވެގެންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ޖަހާފައިވަނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެންއެވެ.

މި މޮޅާއެކު ސިޓީން ވަނީ ކުޅުނު ހަތަރު މެޗުން ސައްތަ އިން ސައްތަ ރިކޯޑު ދަމަހައްޓައި ބާކީ ދެ މެޗު އޮއްވައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސިޓީ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި އޮތް ޕޯޓޯއަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ޕޯޓޯ ވަނީ ބުދަ ދުވަހުގެރޭ މާސޭ އަތުން 2-0 ން މޮޅުވެފައެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް އޮލިމްޕިއާކޯސްއަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާސޭއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް