ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރާ ގާތަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލިއިރު، ދެވަނަ ބުރަށް ކޮލިފައިވުމުގެ އުންމީދު ޕީއެސްޖީން އާކޮށްފިއެވެ.
ގްރޫޕް އެޗުގައި ހިމެނޭ ޔުނައިޓެޑް ވަނީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އިސްތަންބޫލް ބަޝަކްޝެހީރް އަތުން 4-1 ން މޮޅުވެފައެވެ.
މި މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ލީޑު ނަގައިދިންއިރު، އޭގެ 12 މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނުއިރު، މާކަސް ރަޝްފޯޑް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ބަޝަކްޝެހީރުގެ ޑެނިޒް ޓުރުކް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިއަލް ޖޭމްސް ވަނީ ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
މީގެ އިތުރުން ޕީއެސްޖީ ވަނީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އާރްބީ ލެއިޕްޒީގް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ އެންހެލް ޑި މާރިއާއަށް ލެއިޕްޒީގުގެ މާސެލް ސަބިޓްޒާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އެޗުގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އޮތީ ޔުނައިޓެޑެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އާއި ތިންވަނައިގައި އޮތް ލެއިޕްޒީގަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ދެ ޓީމުގެ ތެރެއިން ޕީއެސްޖީއަށް ހެޑް-ޓު-ހެޑް ގަވާއިދުން ކުރި ލިބެނީ މި ދެ ޓީމު ލެއިޕްޒީގުގައި ކުޅުނު މެޗުން 2-1 ން ޕީއެސްޖީ ބަލިވި ނަމަވެސް، އެ މެޗުގައި ރަށުން ބޭރުގައި ޖެހި ލަނޑުގެ ފައިދާ ޕީއެސްޖީއަށް އޮތުމުންނެވެ. އަދި މި ގްރޫޕުގެ ފުލުގައި އޮތް ބަޝަކްޝެހީރަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.