ވެނެޒުއެލާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް، މަޑުޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.
މަޑޫރޯ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް މަޑުޖެހިފައި އޮތަސް އަލުން އެމަޝްވަރާތައް ފައްޓަވަން ބޭނުންވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ފައްޓަވަން ބޭނުންވާ ކަމަށް ވިދާޅުވުމުގެ އިތުރުން ވެނެޒުއެލާގައި އާންމު އިންތިޚާބެއް ވެސް ބާއްވަން ބޭނުންވާ ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކި ހިސާބުތަކުގައި އިންތިޚާބުތަކެއް ބާއްވާނެ ކަމަށް މަޑޫރޯ ވިދާޅުވިއެވެ.
އާދިއްތަ ދުވަހު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޑޫރޯ ވިދާޅުވީ ވެނެޒުއެލާގެ އެކި ސަރަހައްދުތަކުގެ ގަވަރުނަރުންނާއި މޭޔަރުން އައްޔަން ކުރުމަށް އިންތިޚާބުތަކެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބެއްގެ ވާހަކަ މަޑޫރޯ ވިދާޅުވެފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް އަލުން ފެށުމާއި އިންތިޚާބެއްގެ ވާހަކަ މަޑޫރޯ ވިދާޅުވެފައި މިވަނީ ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ވެނެޒުއެލާގައި އާންމު އިންތިޚާބުތަކެއް ބާއްވަން ބޭނުންވާ ކަމަށް މަޑޫރޯ ވިދާޅުވި ނަމަވެސް މުޒާހަރާކުރާ މީހުން ޑިމާންޑް ކުރަމުންދަނީ އަންނަ އަހަރު އެގައުމުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށެވެ. އަދި އޭގެ ކުރިން މިހާރުގެ ރައީސް މަޑޫރޯ މަޤާމުން އިސްތިއުފާ ދެއްވުމަކީ ވެސް މުޒާހަރާކުރާ ފަރާތްތަކުގެ ޑިމާންޑެކެވެ.
ސަރުކާރާއި ދެކޮޅަށް ވެނެޒުއޭލާގެ ރައްޔިތުން މުޒާހަރާކުރަމުންދާތާ ތިން ހަފްތާވެފައިވާއިރު މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި މަރުވީ މީހުންގެ އަދަދު ވަނި 21 އަށް އަރާފައެވެ.
އޭޕްރިލް މަހުގެ މެދުތެރޭގައި ފެށުނު ހަމަނުޖެހުންތަކުގައި އަނިޔާ ލިބުނު އަންހެނަކު ވަނީ ވަރަށް ފަހުން މަރުވެފައެވެ. އޭޕްރިލް 19 ވަނަ ދަވަހު ކުރިއަށްދިޔަ މުޒާހަރާގައި އިމާރާތެއްގެ މަތިން އެއްލި ފުޅިއަކުން ޖެހި އަނިޔާވި އަންހެންމީހާ މަރުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މީގެ އިތުރުން ވެނެޒުއެލާގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މީހުންގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުންވެސް މަރުވެފައިވެއެވެ.
ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފައިދާ ނަގައި ބައެއް މީހުންދަނީ ތަންތަން ލޫޓުވާ ވައްކަން ވެސް ކުރަމުންނެވެ.
ވެނެޒުއެލާގެ މަޝްރަހު ފިނިކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާކުރުންތައް ފެށިއެވެ. ނަމަވެސް އެ މަޝްވަރާތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލީ، މަޝްވަރާތަކުގެ އެއްބަސްވުމާ ޚިލާފަށް މަޑޫރޯ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ބުނެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަޝްވަރާގެ ނަމުގައި މަޑޫރޯ ބޭނުންފުޅުވީ ވަގުތަކެއް ބޭކާރުކޮށްލަން ކަމަށެވެ. އެހެންވެ ފައިދާއެއް ނެތް މަޝްވަރާތަކެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުވަނީ ވެނެޒުއެލާގެ އެކި ކަންކޮޅުތަކުގައި ހުދުކުލައިގެ ހެދުމާއިއެކު މަޑުމައިތިރި ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުން އިންތިޒާމްކުރި ފަރާތުން ބުނެފައިވަނީ އެކަމުގެ ބޭނުމަކީ ހަމަނުޖެހުމުގައި މަރުވި މީހުންގެ މަތިން ހަދާންކުރުން ކަމަށެވެ.