ފިލްމެއް ކުޅެވޭ ވަރަށް ބޮލީވުޑްގެ ތަރިން މިނވަގުތު ވެސް ރާއްޖޭގައި އެބަތިބި ކަމަށް މަޝްހޫރު ކޮމީޑިއަން ވީރް ދާސް ބުނެފިއެވެ.
ވީރް ދާސް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފިލްމެއް ޝޫޓްކުރެވޭހާ ފިލްމް އިންޑަސްޓްރީގެ މީހުން މި ވަގުތު ވެސް ރާއްޖޭގައި ތިބި ކަމަށެވެ. އަދި ކެމަރާ އާއި ސްކްރިޕްޓް ފޮނުވައިފި ނަމަ އެމީހުން އެނބުރި ގައުމަށް ދާނީ ފިލްމެއް ހަދައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމަށްފަހު ނިއު ނޯމަލްގައި ފިލްމްތަކުގެ ޝޫޓިންތައް ބައެއް ތަރިން އަލުން ފަށާފައިވާއިރު އަނެއްބައި ތަރިން ދަނީ ޗުއްޓީ ހޭދަ ކުރުމަށް އެކި ގައުމުތަކަށް ދަތުރު ކުރުމުންނެވެ. އެގޮތުން ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ވެގެން ގޮސްފައި ވަނީ ދިވެހިރާއްޖެއެވެ.
އެގޮތުން ކޮވިޑް-19 އަށް ފަހު މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި ރާއްޖޭގެ ރީތި ގޮނޑުދޮއްތަކާއި މޫދުގައި ނަގާފައިވާ ފޮޓޯތައް އެ ތަރިން ދަނީ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.
ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވަރުން ދަވަން ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން ވަރުން، 33, ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ.
އިންސްޓަގްރާމްގައި 32.6 މިލިއަން ފޮލޯ ކުރާ ވަރުން ވަނީ ފަހަތުން މޫދު ފެންނަ ހިތްގައިމު ވިއުއެއްގައި ޕޫލްގައި ހުސްގަޔާހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި ވަރުން ވަނީ މާޝަލް އާޓްސް ލެޖެންޑް ބްރޫސް ލީ ގެ ކޯޓެއް ކަމަށްވާ "ބީ ލައިކް ވޯޓަރ މޭކިން އިޓްސް ވޭ ތްރޫ ކްރެކްސް" ލިޔެފައެވެ.
މީގެ އިތުރުން އޭނާ އާއި އެކު "ޖުޅުވާ 2" އިން ފެނިގެންދިޔަ އެއް ބަތަލާ ތާޕްސީ ޕަންނޫވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.
ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ ޝްރޮފް ވެސް ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ދިޝާ ޕަޓާނީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ޓައިގާ ރާއްޖެއައުމަށް ފަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ޓީއެމްއޭގެ ސީޕްލޭންއެއްގެ ކައިރީގައި ހުސްގަޔާ ހުއްޓިލައިގެން ހުއްޓައެވެ. އަދި މޫދުގައި ނަގާފައިވާ ފޮޓޯތައް ވެސް ޓައިގާ އާއި ދިޝާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
މީގެ އިތުރުން ނޭހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދް ބޭދީ އަދި ދަރިފުޅު ވެސް ވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި ސްޓޫޑެންޓް އޮފް ދައިޔާ 2 ގައި ފެނިގެން ދިޔަ ޒުވާން ތަރި ތާރާ ސުތޭރިއާ ވެސް ވަނީ އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ.
މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފްވެސް ވަނީ ރާއްޖެ އައިސްފައެވެ. ރިޕޯޓްތައް ބުނާގޮތުން ކެޓްރީނާ ދާދި ފަހުން ރާއްޖެ އައިސްފައިވަނީ ފޮޓޯޝޫޓަކަށެވެ. އޭނާ ވަނީ އިންސްޓަގްރާމްުގައި ރާއްޖޭގައި ހޭދަކުރި ފަސް ދުވަހު ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.
މީގެ އިތުރުން ވެސް އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ތަރިން މި ވަގުތު ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.