ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފަޅުރަށް ބީލަމަށް ހުޅުވާލާފައިވާއިރު، ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ [ޕްރީބިޑް މީޓިންގ] 19 ނޮވެންބަރު 2020 ވާ ބުދަ ދުވަހު ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕްރީބިޑް މީޓިންގ އޮންނާނީ 25 ނޮވެމްބަރުގެ މެންދުރު 10:00 އިން ފެށިގެން 11:00 ގައި ކަމުގައި ދަންނަވާ ކަމަށެވެ.
ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރާ ހަތް ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.
މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ. އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިއެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލް ވެސް އެ ފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.