ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 18:01
މިދިޔަ އަހަރު ބޭއްވި ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފުލާގެ ތެރެއިން
މިދިޔަ އަހަރު ބޭއްވި ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފުލާގެ ތެރެއިން
ގެޓީ އިމޭޖަސް
ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް
ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އަންނަ މަހުގެ 17 ގައި
މީގެ ކުރިން އެވޯޑް ހަފުލާ ބާއްވަން ތާވަލުކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހަށް
އެވޯޑް ހަފުލާ ކުރިއަށްގެންދާނީ ވާޗުއަލްކޮށް

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މީގެ ކުރިން މި އެވޯޑް ހަފުލާ ބާއްވަން ފީފާއިން ތާވަލުކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މެއި މަހުގެ ތެރޭގައި ފީފާއިން ވަނީ އެވޯޑް ހަފުލާ ފަސްކުރަން ނިންމާފައެވެ.

ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް އަދިވެސް ހަރަކާތްތައް ނުބޭއްވޭތީ ފީފާއިން މިހާރު ނިންމާފައި އޮތީ އަންނަ ޑިސެމްބަރު މަހު 17 ވަނަ ދުވަހު އެވޯޑް ހަފުލާ ވާޗުއަލްކޮށް ކުރިއަށްގެންދާށެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް، 2010ން 2015ށް ފީފާއިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑާ ގުޅިގެންނެވެ.

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯއެވެ. މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާއިން އިތުރު ގިނަ އެވޯޑުތަކެއްވެސް ދެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި، އެންމެ މޮޅު ލަނޑަށް ދޭ ފީފާ ޕުސްކަސް އެވޯޑާއި، ފީފާ ފޭން އެވޯޑާއި، ފީފާ ފެއާޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އެލެވެން ހިމެނެއެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފެށުމަށްފަހު ފީފާއިން ގެނައި އެންމެ ބޮޑު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.

މި އަހަރުގެ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފައިވީ ނަމަވެސް، މި އަހަރުގެ ބަލޮންޑޯ އެވޯޑް ވަނީ ކެންސަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް