އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާއިން އިންތިޒާމުކޮށްގެން މީދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
"އެމްއީސީ ބަދެހިކަޕް" ގެ ނަމުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ހުޅުދޫ ޔޫތު ސެންޓަރާ ވާދަކޮށް 26-35 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހުގެ ނަބީލާ ޖަލީލެވެ.
މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޕޮލިހާއި ހުޅުދޫ ޔޫތުވެސް ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މި މަހުގެ 11 ވަނަ ދުވަހު ފެށި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހުދުހުދު ޓީމުގެ އާމިނަތު ރަބާބް އިބްރާހީމް ހޯދިއިރު، މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެ ޓީމުގެ އާމިނަތު އިމްނާ އިނާޔަތުއްﷲ އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހުދުހުދު ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހުގެ ނަބީލާ ޖަލީލެވެ.
ނުވަ ޓީމު ވާދަކުރި މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެ ޖަމުޢިއްޔާގެ ފަރާތުން މި ފަދަ މުބާރާތެއް ރާވައި ހިންގުމުގެ މަގުސަދަކީ މީދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލުމާއި، މުޖުތަމައުގެ ތެރޭގައި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމެވެ.
މުބާރާތަށް ވަރަށް ބޮޑު އެއްބާރުލުމެއް މުއްސަސާތަކުން ދިންއިރު، މުބާރާތް ކުރިއަށްދިޔައީ މުއްސަސާތަކުގެ މެދުގައި ވަރަށް ބޮޑު އެކުވެރިކަމަކާއެކު ކަމަށް މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާއިން މައުލޫމާތުދެއެވެ.