ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 12:06
މޮނާކޯ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮނާކޯ މޮޅުވީ 3-2 ން
މޮނާކޯ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮނާކޯ މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
މޮނާކޯއިން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށްފި
ޕީއެސްޖީ އަތުން މޮނާކޯ މޮޅުވީ 3-2 ގެ ނަތީޖާއަކުން
މި މޮޅާއެކު މޮނާކޯ ދެވަނައަށް ޖެހިލީ 20 ޕޮއިންޓް ހަަމަކޮށްގެން

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން މޮނާކޯއިން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މޮނާކޯ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 25 ވަނަ މިނެޓުގައި އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައި ޒުވާން ތަރި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ ރަފީނިއާ އަލްކަންޓާރާއަށް މޮނާކޯ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ދެ ލަނޑާއެކު އުމުރުން 21 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން 133 މެޗުގައި 99 ލަނޑު ހަމަކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ ޕީއެސްޖީގެ ތާރީޚުގައި އެ ޓީމަށް ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ލީޑުގައި އޮތްއިރު، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެމްބާޕޭ ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. އެކަމަކު އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި މެޗުގައި މޮނާކޯއިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ކެވިން ވޮލަންޑް މޮނާކޯއަށް ފަރަގު ކުޑަކޮށްދިންއިރު، މެޗުގެ 65 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މޮނާކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން މޮނާކޯ މޮޅުވީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެސް ފެބްރިގާސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން މޮނާކޯގެ ވޮލަންޑަށް ޕީއެސްޖީގެ އަބްދޫ ޑިއަލޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އެއާއެކު ރެފުރީ ވަނީ ޑިއަލޯއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 11 މެޗުން 24 ޕޮއިންޓާއެކުއެވެ. އަދި ޕީއެސްޖީ އަތުން ހޯދި މޮޅާއެކު މޮނާކޯ ދެވަނައަށް ޖެހިލީ 11 މެޗުން 20 ޕޮއިންޓް ހަަމަކޮށްގެންނެވެ.

- ކޮމެންޓް