ހުސްވި ހަފްތާ ނިމެމުން ދަނިކޮށް އަފްގާނިސްތާނުގެ މިލިޓަރީ ބޭސްއަކަށް ތާލިބާނުން ދިން ހަމަލާގެ ޒިންމާ ނަންގަވާ، އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަބްދުﷲ ހަބީބީ އާއި، ސިފައިންގެ ޗީފް އޮފް ސްޓާފް ގަދަމް ޝާހް ޝާހިމް އިސްތިއުފާ ދެއްވައިފި ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެބޭފުޅުންގެ އިސްތިއުފާ ރައީސް އަޝްރަފް ޣަނީ ވަނީ ހޯމަ ދުވަހު ގަބޫލު ކުރައްވާފައެވެ.
އަފްޣާނިސްތާނުގެ ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ހާމަ ކޮށްފައިވާ މައުލޫމާތުންވެސް އެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވިކަން ވަނީ ހާމަވެފައެވެ.
ހުކުރު ދުވަހު ދިން މިހަމަލާގައި އަފްޣާނިސްތާނުގެ މިލިޓަރީ ބޭސް އަށް ހަނގުރާމަވެރިން ވަދެފައިވަނީ އާމީ ޔުނިފޯމުގައި ހަތިޔާރާ ގޮވާ ތަކެއްޗާ އެކުގައެވެ. ހާދިސާ ހިނގާފައިވަނީ އުތުރުގެ ބަލްޚް ޝަހަރުގައެވެ. ހަމަލާދިން އާމީ ބޭސް ހުންނަނީ މަޒާރުއް ޝަރީފްގައެވެ.
ތާލިބާނުގެ މިހަމަލާއާ ގުޅިގެން އަސްކަރީ 12 އޮފިސަރުން މަގާމުންވަނީ ވަކިކޮށްފައެވެ. އޭގެ ތެރޭގައި 2 ޖެނެރަލުން ހިމެނޭ ކަމަށް އޭއެފްޕީން ހާމަކޮށްފައިވެއެވެ.
ތާލިބާނުންވަނީ ހަމަލާ ދިނީ އެ ޖަމާއަތުން ކަމުގައި ބުނެފައެވެ.
ތާލިބާނުންގެ މިހަމަލާގައި މަރުވި މީހުންގެ އަދަދު ކަށަވަރު ނުކުރެވުނު ނަމަވެސް ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ސަރުކާރަށް އާއްމު ރައްޔިތުންގެ ފާޑު ކިޔުންތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.