ފްރާންސުގެ ފޯވާޑް އޮލިވިއޭ ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ، ކުލަބު ބަދަލުކޮށް ކުޅުމުގެ ފުރުސަތު އޭނާ ހޯދަން ޖެހޭ ކަމަށް ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ޖިރޫޑް ވަނީ އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ. އެކަމަކު މި ނިމުނު ޓްރާންސްފާ ބާޒާރުގައި ޗެލްސީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ގެނައި ފަހުން އުމުރުން 33 އަހަރުގެ ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން މާ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ.
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާ ފްރާންސް ޓީމުން ޖާގަ ހޯދަން ބޭނުންނަމަ ކުލަބު ފެންވަރުގައި ޖިރޫޑުގެ ހާލަތަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމީ ޓީމަށް ނަގާނީ ރަނގަޅު ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެފައި ތިބޭ ކުޅުންތެރިން ކަމަށާއި، އެ ވިސްނުމަށް ބަލާއިރު ޖިރޫޑް މިހާރު ހުރި ހާލަތު ބަދަލުވާން ޖެހޭ ކަމަށެވެ.
ޗެލްސީގެ ފުރަތަމަ އެގާރައިން ޖިރޫޑަށް ފުރުސަތު ލިބުން މަދުވި ނަމަވެސް، އޭނާ އަންނަނީ ފްރާންސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ޓީމަށް 44 ލަނޑު ޖަހާފައެވެ. ޖިރޫޑް ދެވަނައަށް ޖެހިލީ ފްރާންސުގެ ފުޓްބޯޅަ ލެޖެންޑް މިޝޭލް ޕްލެޓިނީ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އަދި މި ލިސްޓުގެ އެއްވަނައިގައި 51 ލަނޑާއެކު އޮތް ކުރީގެ ފޯވާޑް ތިއަރީ އޮންރީގެ ރިކޯޑާ ހަމަކުރަން ޖިރޫޑަށް ބޭނުންވަނީ ހަތް ލަނޑެވެ.
ޗެލްސީގައި އިތުރު އެއް އަހަރު މަޑުކުރަން ޖިރޫޑް ނިންމިއިރު، ޖިރޫޑް ހޯދުމަށް އިންޓަ މިލާނާއި، ޓޮޓެންހަމް ހޮޓްސްޕާ އަދި ލާޒިއޯއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.
އާސެނަލުން ވިދާލި ޖިރޫޑް ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޗެލްސީއަށް ބަދަލުވެ، އެ ކުލަބާއެކު އެފްއޭ ކަޕާއި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 94 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ.