ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ކޮވިޑް-19 އަށް ކުރި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވްކަމަށް ދައްކައިފިއެވެ.
ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ބައިނަލްއަގުވާމީ ބްރޭކުގައި ފަރިތަކުރަމުން ދަނިކޮށެވެ. މި މަހުގެ 12 ވަނަ ދުވަހު މިސްރުގެ ކުޅުންތެރިން ވައިރަހަށް ޓެސްޓު ކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވީ ސަލާހު އެކަންޏެވެ. އެއާއެކު ސަލާހު ވަނީ ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.
ވައިރަހުގެ އެއްވެސް އަލާމާތެއް ސަލާހުގެ ހަށިގަނޑުން ފެނިފައިނުވާއިރު، ބުދަ ދުވަހު އޭނާ ވަނީ ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް ކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ސަލާހަށް ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މިސްރުން ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ. އެއީ ކޮލިފައިންގައި އަމިއްލަ ގައުމުގަ އާއި ރަށުން ބޭރުގައި ޓޯގޯ އަތުން މިސްރު މޮޅުވި ދެ މެޗެވެ.
އަދި ވައިރަހަށް ޕޮޒިޓިވްވުމާއެކު ސަލާހަށް އަންނަ ދުވަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ސަލާހަށް އެ ދެ މެޗުގައި ކުޅެވޭނީ އޭގެ ކުރިން ކޮވިޑް-19 ގެ ދެ ޓެސްޓުން ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުންނެވެ.
ކޮވިޑް-19 އަށް ސަލާހު ޕޮޒިޓިވްވުމަކީ ލިވަޕޫލަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެގޮތުން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ތިބީ އަނިޔާގައި ކުޅުމާ ދުރުގައެވެ. އެގޮތުން އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ވާޖިލް ވެން ޑައިކާއި، ފަބީނިއޯ އާއި، ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް އަދި ޖޯ ގޮމޭޒްވެސް ހުރީ އަނިޔާގައި ކުޅުމާ ދުރުގައެވެ. އަދި މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާވެސް މި ވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.