ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ވާޗުއަލް ދުވުން ކަމަށްވާ "ރަން ފޯ މޯލްޑިވްސް" ގެ ހުރިހާ ކެޓެގަރީއެއްގައި ބައިވެރިވެ، 50 އަހަރުން މަތީގެ ދުވުންތެރިން މައްޗަށް އެކުލެވޭ "ފައިވް ފީޓް" ޓީމުން ދުވުން ނިންމާލައިފިއެވެ.
ފައިވް ފީޓް ޓީމުން މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވާދަކޮށްފައިވާއިރު، ބުދަ ދުވަހު އެ ޓީމުން ވަނީ މި މުބާރާތުގެ ޓީމު އިވެންޓުގެ ދުވުން ނިންމާލާފައެވެ. މި މުބާރާތުގެ ޓީމު އިވެންޓްގެ ދުވުމަކީ 870 ކިލޯމީޓަރުގެ ދުވުމެވެ.
"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެމުން ފައިވް ފީޓް ޓީމުން ބުނީ މި މުބާރާތުގައި އެ ޓީމުން ބައިވެރިވީ އުމުރުން ކިތަންމެ ދޮށިވި ކަމުގައި ވިޔަސް، ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މުހިންމު ކަމެއްގައި ދެކިގެން ކަމަށާއި، އަދި މި އުމުރުގައިވެސް މިފަދަ ދުވުމެއް ނިންމާލުމަކީ އެޓީމުގެ ދުވުންތެރިންގެ އަޒުމެއް ކަމަށްވާތީ ކަމަށެވެ. އަދި މިފަދަ ދުވުމެއް މި ދަނޑިވަޅުގައި ބޭއްވި ކަމަށްޓަކައި ދުވުން އިންތިޒާމުކުރާ ރަން ފޯ މޯލްޑިވްސްގެ ޓީމަށް އެ ޓީމުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ފައިވް ފީޓް ޓީމުން ބުނީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ ފަރުދަކަށްވެސް އެންމެ މުހިންމު ކަންތައް ކަމަށާއި، އެހެންކަމުން މިފަދަ ދުވުންތަކުގައި ކުރިއަށް އޮތް ތަނުގައިވެސް އެ ޓީމުން ބައިވެރިވާނެ ކަމަށެވެ.
ފައިވް ފީޓް ޓީމުގެ ދުވުންތެރިންގެ ފިރިންވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. އައިލެންޑް ރަނާސްގެ ނަމުގައި ބައިވެރިވި އެ ޓީމުންވެސް ދުވުން ނިންމާލާފައިވަނީ ބުދަ ދުވަހުއެވެ.
ޔުނިކްސް ސްޕޯޓިންއިން އިންތިޒާމުކުރާ ރަން ފޯ މޯލްޑިވްސް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ހަތަރު ކެޓެގަރީއެއް ވަނީ އެކުލަވާލާފައެވެ. އެ ކެޓެގަރީތަކަކީ 5.5 ކިލޯމީޓަރާއި، 15 ކިލޯމީޓަރާއި، 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެންބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ.
މި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެއްޔެއް ލިބޭއިރު، ބައިވެރިންގެ ތެރެއިން ހޮވާ ނަސީބުވެރި 10 މީހަކަށް ޔުނިކްސް ސްޕޯޓިންގެ ޕާޓްނާ ހޮޓެލް ނުވަތަ ރިޒޯޓުތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޔުނިކްސް ސްޕޯޓިންނުން ރަން ފޯ މޯލްޑިވްސް އިންތިޒާމުކުރާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ "ސަނީ ސައިޑް އޮފް މޯލްޑިވްސް" އިން ވަނީ މި ދުވުން އެންޑޯސް ކޮށްފައެވެ.