8 މަސް ދުވަހަށްފަހު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ހޯރަފުއްޓަށް ވަޑައިގެންފިއެވެ.
ބުރާސްފަތި ދުވަހު ރައީސް ސޯލިޙު ހޯރަފުއްޓަށް ވަޑައިގެންނެވީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުންނެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:54 ގައެވެ.
ރައީސް ސޯލިޙު ހޯރަފުއްޓަށް ވަޑައިގެންނެވުމާއެކު ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ އިތުރުން އެ ރަށުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
އޭގެ އިތުރުން، ރައީސް ސޯލިޙަށް މަރުޙަބާ ދެންނެވުމުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންވެސް ހޯރަފުއްޓަށް ވަޑައިގެން މަރުޙަބާ ވިދާޅުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ރަސްމީ ތައްޔާރީތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށު ބަނދަރު ސަރަޙައްދުގައެވެ. ހޯރަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ރައީސަށް މަރުޙަބާ ދެންނެވުމަށް ބަނދަރުމަތީގައި ކުރިއަށް ގެންދާ ޚާއްސަ ސަޤާފީ ޙަރަކާތްތަކުގެ އިންތިޒާމުތައްވެސް ރާވާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ރައީސް ސޯލިޙު ބަނދަރު ސަރަޙައްދަށް ވަޑައިގެންނެވުމުން ހޯރަފުށީ ރައްޔިތުންގެ ފަރާތުން ވަނީ ޚާއްސަ "ސަޤާފީ ސްޓައިލެއްގައި" ރައީސަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރަސްމީކޮށް ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައެވެ.
ހޯރަފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި އެއަރޕޯޓް ގެ ސަބަބުން ކައިރީގައި ހުރި ރިސޯޓުތަކަށް ގޮސް އައުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ އެހެންމެ، އެއަރޕޯޓް ތަރައްޤީ ވެގެން ދިއުމަކީ އެ އަތޮޅުގެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކޮށާލެވޭ މަގެއް ކަމަށް ރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެއެވެ.
މި އެއަރޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާއިރު އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.