ކުޅިވަރު ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދުން އަވަސްކުރަން ޖެހޭ ކަމަށާއި، އެ ގޮތުން ސްޕޯޓްސް އާބިޓްރޭޝަނަކީ މިހިނދުންވެސް ގެނެސް އަމަލު ކުރަންޖެހޭ އެއްޗެއް ކަމަށް ކުޅިވަރުގެ ދާއިރާގައި މި ވަގުތު ހުރި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރު އަމަލު ކުރަންފެށި ކުޅިވަރުގެ ޤާނޫނުގައި ބުނާ ކަންތައްތަކަށް އަމަލު ނުކުރެވި ކުރިއަށްދާއިރު، ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުތަކަށް އިޝާރާތްކުރައްވާ ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ޖައުޝަން ވިދާޅުވީ އިސްލާހުތަކެއް ހުށަހަޅާފައި ވަނީ އެކަންތައްތަކަށް އަމަލު ނުކުރެވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެގޮތުން ރާއްޖޭގެ ކުޅިވަރުގައި ކުރަންޖެހި ނުކުރެވިވާ ކަމަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެ ނުވަތަ މައްސަލަތައް އަޑުއަހާނެ އާބިޓްރޭޝަން ޓްރެބިއުނަލެއް ގާއިމުކުރުން ކަމަށެވެ.
އަލަށް ހުށަހެޅި އިސްލާހުތަކުގައި އެކަމަށް އިޝާރާތްކޮށް އެއްވެސް އިސްލާހެއް ނެތް ކަމަށާއި، އެހެން ކަމުން ކުޅިވަރަށް ހެޔޮ ބަދަލެއް ގެނައުމަށް ހެޔޮ ނިޔަތުގައި ގެނެވުނު އިސްލާހުތަކެއްގައި އެންމެ މުހިންމު ކަންކަމަށް އިޝާރާތްކޮށްފައި ނެތުމުން ވަރަށް ކަންބޮޑުވާ ކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ.
އާބިޓްރޭޝަނުގެ ގަވާއިދު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކޮމިޓީގައިވެސް ހިމެނޭ ޖައުޝަން ވިދާޅުވީ މިހާރުވެސް އާބިޓްރޭޝަން ޕެނަލް އެކުލަވާލުމަށް ދިވެހިރާއްޖޭގެ އާބިޓްރޭޝަން ގަވާއިދު އެކުލަވާލުމަށް މަސައްކަތް ކުރެވޭ ކަމަށާއި، އެހެން ނަމަވެސް މީގެ ތިން އަހަރު ކުރިން ކުޅިވަރު ކައުންސިލަށް އާބިޓްރޭޝަނާ ބެހޭ ގަވާއިދެއް ހިއްސާކޮށްފައިވާނެ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން އާބިޓްރޭޝަނާ ބެހޭ ގަވާއިދު ހުށަހެޅި ނަމަވެސް، އެކަން ނުވުމުގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ޖައުޝަން ވިދާޅުވީ އޭރު އެސޯސިއޭޝަންތައް ގެންގޮސްގެން ގަވާއިދެއްގެ ދެލިކޮޕީ ހެދުމަށްވެސް މަސައްކަތް ކުރެއްވި ކަމަށާއި، އެހާ މުހިންމު ކަމެއް ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގައި ނެތުން ކަންބޮޑުވާ ކަމަށެވެ.
މިހާރު ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކުޅިވަރު ޤާނޫނުގެ ދަށުން ކުރަން ޖެހި ނުކުރެވި އޮތް އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖޭގައި ކުޅިވަރުގައި މި ދިމާވާ މައްސަލަތައް ހައްލު ކުރާނެ ނުވަތަ އަޑުއަހާނެ އާބިޓްރޭޝަން ޓްރެބިއުނަލެއް ގާއިމުކުރުން. އާބިޓްރޭޝަނުގެ ގަވާއިދެއް ގާއިމުކުރުން. މި ހުށަހެޅި އިސްލާހުގައި އެކަމަށް އިޝާރަތްކޮށް އެއްވެސް އިސްލާހެއް ނެތް ކުޅިވަރަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި. އިސްލާހުތަކެއް ގެނައުމަށްޓަކައި ހެޔޮ ނިޔަތުގައި ހުށަހެޅުނު އިސްލާހެއްގައި އެކަމާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައިނެތުން އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. މީގެ ތިން އަހަރު ކުރިން އަޅުގަނޑު އަމިއްލައަށް ތައްޔާރުކޮށް ކުޅިވަރު ކައުންސިލަށް އާބިޓްރޭޝަނާ ބެހޭ ގަވާއިދެއް ހިއްސާ ކުރިން. އެސޯސިއޭޝަންތައް ހާޒިރުކޮށް އެކަމަށް ދެލިކޮޕީއެއް ހެދުމުގެ މަސައްކަތްވެސް ކުރި. އެއީ ޤާނޫނުގައި ކުރަން އޮތް ކަމެއް އަދިވެސް ނުވޭ. ކުރިން ފާހަގަކުރި ޤާނޫނުގައި ލިޔެވުނީމާ އެކަން ކުރެވޭނެއޭ. ގަވާއިދު އޮތީމާ ގަވާއިދު ބަދަލު ކުރެވޭނެއޭ.ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް
ޖައުޝަން އިތުރަށް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް މި އަހަރު ކުރިއަށްދާއިރު، ކޮންމެ އިންތިޚާބަކާ ގުޅިގެންވެސް މައްސަލަތަކެއް ފެންމަތިވެގެން ގޮސްފައިވާ ކަމަށާއި، އެގޮތުން ފުޓްބޯޅަ އާއި، ޓީޓީ އާއި، ވޮލީބޯޅައިގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިއިރު، މި ހުރިހާ ތަނެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށާއި، ބައެއް ފަހަރު ވަޒީރާ އެއްކޮޅަށް އަދި އަނެއްބައި ފަހަރު ވަޒީރާ ދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.
އަދި ކުރިން ފެނިގެންދިޔައީ ވަޒީރަށް އަމާޒުކޮށް ފާޑުކިޔަމުންދިޔަތަން ކަމަށާއި، އެކަމަކު މިހާރު ވަޒީރުގެ ބަދަލުގައި މަޖިލީހަށް ފާޑުކިޔުން އަމާޒުވަމުންދާއިރު، އޭރުވެސް އަދި މިހާރުވެސް ކުރަން އުޅެނީ އެއް ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ކުޅިވަރު ފެޑަރޭޝަންތަކުގެ ގަވާއިދާ އެއްގޮތަށް ރާއްޖެ ސަސްޕެންޑް ވެގެންދާނެ ކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން މިއަދު "ޖުރީސްޕްރޫޑެންސް" ތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ކުޅިވަރުގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ އާބިޓްރޭޝަނުގެ އުސޫލުން ކަމަށް ސާފު ބަހުން ބަޔާންކޮށްފައިވާ ކަމަށް މި ފަހުން ކުޅިވަރުގައި ޖެހުނު ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ޖައުޝަން ވިދާޅުވިއެވެ.
މީގެ އެތައް އަހަރެއް ކުރިން ދުނިޔޭގައި ދެކެވެނު ވާހަކަ އަކީ ފެޑެރޭނޭޝަނަކަށް އައިސް ގައުމެއްގެ ކުޅިވަރު އެސޯސިއޭޝަނެއް އިންޓަރިމް މަރުހަލާއަށް ސަރުކާރެއް އޮށްވައި ގެންދެވިދާނެތޯ ކަމަށާއި، އެހެން ނަމަވެސް މިދިޔަ މަހު ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން އެކަން އެގޮތަށް ކުރެވޭނެކަން ނިންމާފައިވާ ކަމަށް ފީފާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ މައްސަލައަށް އިޝާރާތްކުރައްވާ ޖައުޝަން ވިދާޅުވިއެވެ.
މި ހުރިހާ މާއްދާތަކެއްގައިވެސް މި ބުނަނަނީ އެކޮނޮމީ ނުގެއްލޭނެ ގޮތަށް ތާޑް ޕާޓީ އިންޓަފިއެރެންސް ނާންނާނެ ގޮތަށް އަމިއްލައަށް ކުރެވޭނެ ގޮތަށޭ ކަންކަން ހުންނަން ވާނީ. މިހާރު މި ހުށަހަޅާ ބަޔެއް އިސްލާހުތައް ޤާނޫނަށް ލީމަ މި ވާގޮތަކީ އެކޮނޮމީއަށް ބުރޫއަރާ ގޮތް އެބަ ދިމާވޭ. މިއަދު ދުނިޔޭގެ ކުޅިވަރުގައި ދިމާވަމުންދާ އެންމެ ބޮޑު މައްސަލަ އަކީ ޔޫއެސްގެ ސެނެޓުން ގެނައި ގަވާއިދުތަކަށް ގެނައި ބަދަލު. އެއީ އަދި ކުޅިވަރުގެ ގަވާއިދަކަށްވެސް ނޫން. އެހެން ގަވާއިދަކަށް ގެނައި ބަދަލެއް އެއީ ކުޑަކުދިންގެ ހައްގުތަކާއި އެތުލީޓުންގެ ގަވާއިދުތައް ރައްކާތެރިކުރުމާ ބެހޭ ހިއުމަންރައިޓްސްގެ ގަވާއިދަކަށް ގެނައި ބަދަލަކުން، އެތަނުގެ އޮލިމްޕިކް ކޮމިޓީގެ މުސްތަގިލް ކަމަށް ބުރޫއަރާތީ، އައިއޯސީން މިހާރު އޮތީ އެމެރިކާ މައްސަލަ ބަލަން ނިންމާފައި. ކުޅިވަރު ނޫން އެހެން ކަމަކުން އެވަރުގެ މައްސަލައެއް ދިމާވާއިރު، ކުޅިވަރު ޤާނޫނަށް އިސްލާހުގެނެސް، އެ މައްސަލަ ދިމާވާވެއްޖެނަމަ މައްސަލަ އަންނާނެ.ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް
ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރެއިން އިލެކްޝަން ކޮމިޝަނުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ބޭއްވުމަށް ހުށަހަޅުއްވާފައިވަނީ ބައިނަލްއަގުވާމީ ގަވާއިދުތަކާއި އުސޫލުތަކަށް އެންމެ ރަނގަޅަށް ބެލިފައި ނެތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޖައުޝަން ވިދާޅުވިއެވެ.
އިންތިޚާބުތައް ބޭއްވުމަށް އިލެކްޝަން ކޮމިޝަން އޮތް އޮތުމަކީ ވަރަށް ތާކުންތާކު ނުޖެހޭ އިސްލާހެއް ކަމަށާއި، އެގޮތަށް އެކަންކޮށް އެ އިސްލާހު ފާސްކޮށްފިނަމަ އައިއޯސީ ޗާޓަރުގައި ބުނާ އެންމެ ބޮޑު އަދަބު ކަމަށްވާ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާއެކު ކުޅިވަރު އެސޯސިއޭޝަންތައް ސަސްޕެންޑްވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ.
ހަސަން ލަތީފުގެ އިސްލާހުތަކާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގައި ހިމެނޭ ފަރާތްތަކުން ކަންބޮވުން ފާޅުކޮށްފައިވާއިރު، ހަސަން ލަތީފް ވިދާޅުވީ އިސްލާހުތައް ޤާނޫނަކަށް ވެގެން އަންނައިރު ކުޅިވަރުގެ ހުރިހާ ފަރާތްތަކަށްވެސް ބަސް ބުނެ، އިސްލާހުތައް ހުށަހެޅުމަށް މަޖިލީހުން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކުޅިވަރުގެ ޤާނޫނު އިސްލާހު ވެގެންދާނީ ކުޅިވަރުގެ އާއިލާ އެދޭ ބަދަލުތައް ހިމެނިގެން ކަމަށްވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.