ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 10:34
ބޮސްނިއާ އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-0 ން
ބޮސްނިއާ އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ނޭޝަންސް ލީގު
ފައިނަލް ބުރުގެ ފަހު ދެ ޖާގަ އިޓަލީ އާއި ބެލްޖިއަމަށް
ބޮސްނިއާ އަތުން އިޓަލީ މޮޅުވީ 2-0 ގެ ނަތީޖާއަކުން
ޑެންމާކް އަތުން ބެލްޖިއަމް މޮޅުވީ 4-2 ގެ ނަތީޖާއަކުން

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ފަހު ދެ ޖާގަ އިޓަލީ އާއި ބެލްޖިއަމުން ހޯދައިފިއެވެ.

ލީގު އޭ ގްރޫޕް އެކެއްގައި ހިމެނޭ އިޓަލީ ފައިނަލް ބުރަށް ދަތުރުކުރީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ބޮސްނިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 22 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ އަންދްރެއާ ބެލޮއްޓީއެވެ. އަދި މެޗުގައި އިޓަލީން ލީޑު ފުޅާކޮށްފައިވަނީ 68 ވަނަ މިނެޓުގައި ޑޮމެނީކޯ ބެރާޑީ ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއެކު މި ގްރޫޕުގެ އެއްވަނަ އިޓަލީއަށް ލިބުނީ 12 ޕޮއިންޓާއެކުއެވެ. ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ޕޮލެންޑް އަތުން 2-1 ން މޮޅުވި ނެދަލެންޑްސްއަށް 11 ޕޮއިންޓާއެކު ލިބުނީ ތާވަލުގެ ދެވަނައެވެ. އަދި ތިންވަނައިގައި އޮތް ޕޮލެންޑަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެ ޕޮއިންޓާއެކު ފުލުގައި އޮތް ބޮސްނިއާ ވަނީ ނޭޝަންސް ލީގުގެ ދެވަނަ ކެޓަގަރީއަށް ރެލިގޭޓްވެފައެވެ.

ބެލްޖިއަމާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 4-2 ން

މީގެ އިތުރުން ލީގު އޭ ގްރޫޕް ދޭއްގައި ހިމެނޭ ބެލްޖިއަމް ފައިނަލް ބުރަށް ދަތުރުކުރީ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޑެންމާކް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސްގެ ލަނޑުން ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. އެކަމަކު މެޗުގެ 17 ވަނަ މިނެޓުގައި ޑެންމާކަށް ނަތީޖާ އެއްވަރުކޮށްދިނީ ޔޮނަސް ވިންޑެވެ. މެޗުގައި ބެލްޖިއަމުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ލަނޑުންނެވެ. އަދި 69 ވަނަ މިނެޓުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހާ ބެލްޖިއަމުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި ބެލްޖިއަމުގެ ނާސިރު ޗަޑްލީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޑެންމާކުން ފަރަގު ކުޑަކުރި ނަމަވެސް، އޭގެ މިނެޓެއް ފަހުން ކެވިން ޑި ބްރޭނާ ވަނީ ލަނޑެއް ޖަހާ ބެލްޖިއަމަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު މި ގްރޫޕުގެ އެއްވަނަ ބެލްޖިއަމަށް ލިބުނީ 15 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގައި ބުދަ ދުވަހުގެރޭ އިންގްލެންޑުން ވަނީ އަމިއްލަ ދަނޑުގައި އައިސްލެންޑް އަތުން 4-0 ން މޮޅުވެފައެވެ. އެކަމަކު ދެވަނައިގައި އޮތް ޑެންމާކާއި ތިންވަނައިގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ޕޮއިންޓެއް ނުލިބި މުބާރާތް ނިންމާލި އައިސްލެންޑް ވަނީ ނޭޝަންސް ލީގުގެ ދެވަނަ ކެޓަގަރީއަށް ރެލިގޭޓްވެފައެވެ.

އިޓަލީ އާއި ބެލްޖިއަމުގެ އިތުރުން ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާނީ ފްރާންސާއި ސްޕެއިނެވެ.

- ކޮމެންޓް