ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 21:29
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)
އެފްއޭއެމް
އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް
އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް: ދަގަނޑޭއަށް ވޯޓު ދޭން ތައްޔާރުތަ؟
ކުއާޓާއިން ދަގަނޑޭ މޮޅުވީ ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓާ ވާދަކޮށް ހަނި ތަފާތަކުން
ސެމީގައި ދަގަނޑޭ ވާދަކުރާނީ ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ
ސެމީގެ ވޯޓުލުން ބުރާސްފަތި ދުވަހު ހުޅުވާލާނެ

އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ލަނޑުތަކުގެ މެދުގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ކުރިއަށްގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީފައިނަލުގައި ބުރާސްފަތި ދުވަހު ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރާއިރު، ސެމީގެ ވޯޓުލުން ބުރާސްފަތި ދުވަހު ހުޅުވާލާނެއެވެ.

މި ޗެލެންޖުގެ ސެމީފައިނަލުން ދަގަނޑޭ ޖާގަ ހޯދީ ކުއާޓާފައިނަލުގައި ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓާ ވާދަކޮށް ހަނި ތަފާތަކުންނެވެ. ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ.

ފޯރިގަދަ ވެގެންދިޔަ އެ ޕޯލް ކުރިއަށްދިޔައިރު ސޯޝަލް މީޑިއާގައި ދިވެހިން ވަނީ ބޮޑު ކެމްޕެއިނެއްކޮށް، ދަގަނޑޭއަށް ވޯޓު ހޯދައިދީފައެވެ. އެ ފަހަރު ވޯޓުލުން ފެށިއިރު، ދަގަނޑޭ ބޮޑު ތަފާތަކުން ކުރިހޯދި ނަމަވެސް، އޭގެ ކުޑައިރު ކޮޅެއް ފަހުން ވިއެޓްނާމް ކުޅުންތެރިޔާ ވަނީ ލީޑު ނަގާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދިވެހިން ކުރިއަށްގެންދިޔަ ކެމްޕެއިނާއެކު ދަގަނޑޭ ވަނީ ޕޯލް ނިމުނުއިރު ކުރިހޯދާފައެވެ.

ދިވެހިން ހިންގި ބޮޑު ކެމްޕެއިނަކަށްފަހު ސެމީއަށް ދަގަނޑޭ ހޮވުމާއެކު އޭނާ ވަނީ ދިވެހި ސަޕޯޓަރުންނަށް ޝުކުރު ބަންޑުންކޮށްލާފައެވެ. އެ ފަހަރު ދަގަނޑޭ ބުނީ އެ ޕޯލް ކާމިޔާބުކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށާއި، އެފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން އޭނާއާއެކު ތިބުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ މި ޗެލެންޖުގައި ދަގަނޑޭގެ ލަނޑުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައުމު ސޯލޯ ލަނޑެވެ. އެ ލަނޑު ވަނީ މީގެ ކުރިން އޭއެފްސީން ހޮވި އެންމެ މޮޅު ސޯލޯ ލަނޑަށްވެސް ހޮވިފައެވެ.

އެ ލަނޑު އޭނާ ޖަހާފައިވަނީ ޕާސިބޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްކީޕަރު ދެ ކޮޅަށް ތަޅުވާލުމަށްފަހުއެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި 10 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ދަގަނޑޭ ލިސްޓުގެ ހަވަނައިގައި އޮތީ ކުލަބު ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވީބީ އައްޑޫ އެފްސީއަށް ޖަހައިދިން 29 ލަނޑާއެކުގައެވެ. ލިސްޓުގެ އެއްވަނައިގައި އޮތީ ފިލިޕީންސްގެ ސެރެސް-ނެގްރޯސްއަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯނެވެ. އޭނާ ޖަހާފައިވާ ލަނޑުގެ އަދަދަކީ 35 އެވެ. އެހެންކަމުން ލިސްޓުގެ އެއްވަނައަށް އެރުމަށް ދަގަނޑޭއަށް ދެން ބޭނުންވަނީ އެންމެ ހަ ލަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް