ކުޅިވަރާ ބެހޭ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތައް ބަލައިގަނެ ކުރިއަށްދާން ޖެހޭ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުންވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް 25 ކަށް އިސްލާހު ހުށަހަޅާފައިވާ ކަމަށާއި، މި އިސްލާހުތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާގެ އިސް ފަރާތްތަކުން ކަންބޮޑުވާ މައިގަނޑު އޮތީ އެންމެ އިސްލާހެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި އިސްލާހު ހުށަހެޅުއްވި ބޭފުޅަކީ ކުރީގެ ސަރުކާރެއްގައި ކުޅިވަރުގެ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، އެހެން ކަމުން ކުޅިވަރު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ތަނެއް ދޮރެއް ނޭނގިގެން ހުށަހަޅާފައިވާ އިސްލާހުތަކެއް ނޫން ކަމަށް ވީއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސް ރިޔާޒް ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުންދާ ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު އޮތް އޮނިގަނޑުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުން ކަމަށް ގަބޫލުކުރެވޭއިރު، މުއައްސަސާތައް ޖަވާބުދާރީ ކުރުވުން ހިމެނޭ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ބާއްވަން ވާނީ އިލެކްޝަން ކޮމިޝަނުންކަން އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމަކު މިހާރު ހުށަހެޅިފައިވާ އިސްލާހުތައް ޤާނޫނަކަށް ބަދަލުވެގެންދާނީ ގިނަ ބައެއްގެ މަޝްވަރާއާއެކު ކަމަށް ވާތީ، ހުރިހާ އިސްލާހުތަކަކީ ތާކުންތާކު ނުޖެހޭ އިސްލާތުތަކެއް ކަމަށް ބަލަން ނުޖެހޭ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
އިސްލާހު ހުށަހެޅުއްވި ބޭފުޅަކީ ކުޅިވަރުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް. އެހެން ކަމުން ތަންދޮރު ނުދަނެގެން ނޫނިއްޔާ ތަނެއް ދޮރެއް ނޭނގިގެން ލިޔެފައިހުރި އެއްޗެއް ނޫން. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ މިހާރު މި އޮތް އޮނިގަނޑުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުން. ކިތަންމެ ބައިވަރު ކިތަންމެ ފަށުވިކޮށް އެއްޗެއް އޮތަސް ބަޔަކު ޖަވާބުދާރީ ނުކުރެވި އެކަންކަން އިމްޕްލިމެންޓް ނުކުރެވެނިއްޔާ ދިމާވާނެ ބައިވަރު މައްސަލަތައް މި ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް ދިމާވެއްޖެ. އަޅުގަނޑު ގަބޫލުކުރަނީ މި އިސްލާހުތަކަށް ލަފާ ހޯދުމަށް ކަމާ ބެހޭ ފަރާތްތައް އެ ބޭފުޅުން ގެންދާނެކަން. އިލެކްޝަން ކޮމިޝަން އިސްލާހުގައި އޮތުން އެ ގޯސް. އެކަމަކު މިއީ އިސްލާހެއް. އެހެންވީމަ މި އިސްލާހުތަކަކީ ތާކުންތާކު ނުޖެހޭ އިސްލާހުތަކެއް ކަމަށް ކަނޑައަޅާކަށް ނުޖެހޭ.ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް
ރިޔާޒް އިތުރަށް ވިދާޅުވީ ގަވާއިދުގެ ގޮތުގައި ހުރި މާއްދާތައް ޤާނޫނަށް ބަދަލުވުމުން، ބައިނަލްއަގުވާމީ އިދާރާތަކުގެ އަހަރީ އާންމު ޖަލްސާގައި އަންނަ ބަދަލުތަކާ ގުޅިގެން މައްސަލަތައް ކުރިމަތިވެގެންދާނެ ކަމަށް ވާހަކަދައްކާއިރު، 2015 ވަނަ އަހަރު ކުޅިވަރު ޤާނޫނަށް އަމަލު ކުރަން ފެށިއިރުވެސް އެއީ ކަމުދާ ކަމެއް ނޫން ކަމަށް އޭރުވެސް ވާހަކަ ދެއްކުނު ކަމަށެވެ.
އަދި މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަކުގެ ސަބަބުން ކުޅިވަރުގެ ޤާނޫނު ހަރުދަނާވެގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން މިހާރު ހުރި މައްސަލަތަކަށް ހައްލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވޭއިރު، މި އިސްލާހުތަކާއެކު ބާރުތަކެއް ގެއްލޭނަމަ އެކަމުގެ ކަންބޮޑުވުން އޮންނާނެ ކަމަށާއި، އެއީ ހަގީގަތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ގަވާއިދަކުގެ ގޮތުގައި ހުރި މާއްދާތައް ޤާނޫނަށް ލުމުން ކަންނެތް ގޮތުގައި މަސައްކަތް ކުރަމުންދާ މުއްސަސާތައް ޖަވާބުދާރީ ކުރުވުމަށް ފަސޭހަ ވެގެންދާއިރު، ދުވާލަކު އެއް ފަހަރު ބަދަލުނުވާނެ ގޮތަށް ހުރި ކަންކަމަށް ޤާނޫނީ ސިފަ ޖެހުމަކީ ކުޅިވަރުގެ ޤާނޫނަށް ލިބިގެންދާނެ ފުރިހަމަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަލަށް ހުށަހަޅާފައިވާ އިސްލާހުތަކީ މީގެ ފަސް އަހަރު ކުރިން ގަވާއިދުން ވިޔަސް ނުވަތަ ޤާނޫނުން ވިޔަސް ބާރުދީގެ ބޮއްސުންލުމުން ހުށަހެޅުނު އިސްލާހުތަކެއް ކަމަށާއި، މި އިސްލާހުތަކުގައި އެސޯސިއޭޝަންތަކާ ގުޅޭގޮތުން އޮތީ ވަރަށް ކުޑަ އިސްލާހެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގައި އެސޯސިއޭޝަނާއި ރިލޭޓުވާ އޮތީ ވަރަށް ވަރަށް ކުޑަ ޕޮއިންޓެއް. ޖަޒުބާތުގައި ޖެހިގެން ވިޔަސް ނުޖެހިވިޔަސް އިސްލާހުތަކުގައި ނެތް އެސޯސިއޭޝަންތަކާ މާ ބޮޑަށް ބެހޭ ކަންކަމެއް. މީގައި މި ހުރީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި، މިނިސްޓަރާއި، ސްޕޯޓްސް އިނިސްޓިޓިއުޓާ. މިއީ މައިގަނޑު ވާހަކަތަކަކީ. އަޅުގަނޑު އަތުން ވިޔަސް ބާރުތަކެއް ދަނިއްޔާ އަޅުގަނޑަށްވެސް އުނދަގޫވެދާނެ އެކަންކަން ގަބޫލުކުރަން. އެހެން ކީއްވެތޯ އެ ވަނީ މިނިސްޓަރު ނޫނީ އޭރަކު ހުންނަ ވަޒީރަކަށް ހުންނަ ބޭފުޅަކު ނުފޫޒު ފޯރުވާތީ. ޤާނޫނުން އެގޮތަށް ތަންދޭތީ ނުފޫޒު ފޯރުވެނީ.ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް
މީގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަނަށް ސީދާ ވަޒީރު ނުފޫޒު ފޯރުވިތަން ކުރިން ފެނުނު ކަމަށާއި، އެއަށްފަހު ވޮލީބޯޅަ އެސޯސިއޭޝަނަށްވެސް އެ ނުފޫޒު ފޯރި ކަމަށާއި، އެ ދެކަންތައް ކާމިޔާބު ނުވުމުން އެހެން އެސޯސިއޭޝަންތަކަށް މިނިވަންކަން ލިބިގެންދިޔައީ ކަމަށް ވިދާޅުވެ ރިޔާޒް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ.
ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް އިސްލާހުތަކެއް ހުށަހަޅުއްވާފައިވާއިރު، މި އިސްލާހުތަކާ ގުޅިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ބަޔާނެއް ނެރެފައެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، މޯލްޑިވްސް އޮލިކްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގުވެސް ވަނީ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.