ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 12:10
އުރުގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 2-0 ން
އުރުގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް ކޮލިފައިންގ
ބްރެޒިލުން ރިކޯޑު ދެމެހެއްޓިއިރު، އާޖެންޓީނާއަށް މޮޅެއް
ބްރެޒިލް މޮޅުވީ އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުން
އާޖެންޓީނާ މޮޅުވީ ޕެރޫ އަތުން 2-0 ގެ ނަތީޖާއަކުން

ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ބުރުގައި އަންގާރަ ދުވަހުގެރޭ އުރުގުއޭ ބަލިކޮށް ބްރެޒިލުން ސައްތަ އިން ސައްތަ ރިކޯޑު ދެމެހެއްޓިއިރު، ޕެރޫ އަތުން އާޖެންޓީނާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މި މެޗުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ކުޅެފައެއް ނުވެއެވެ. އަދި އަނިޔާގެ ސަބަބުން މި މެޗުގައި ބްރެޒިލުގެ ތަރި ނޭމާވެސް ކުޅެފައެއް ނުވެއެވެ. މި މެޗުގައި ބްރެޒިލުން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އާތޫރު މެލޯއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރިޗާލިސަން ވަނީ ބްރެޒިލަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އުރުގުއޭއިން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 71 ވަނަ މިނެޓުގައި އެޑިންސަން ކަވާނީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. ރިޗާލިސަންއަށް ކަވާނީ ކުރި ފައުލަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށް ފަހު ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ޕެރޫ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 2-0 ން

މީގެ އިތުރުން ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ ޕެރޫ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ޕެރޫގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 17 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލޫކަސް ގޮންޒާލޭޒެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ.

ކޮލިފައިން ބުރުގައި ކޮންމެ ގައުމަކުންވެސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ކޮލިފައިންގެ އެއްވަނައިގައި ބްރެޒިލް އޮތީ ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާޖެންޓީނާއަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތީ އަންގާރަ ދުވަހުގެރޭ 6-1 ން ކޮލަމްބިއާ ބަލިކުރި އެކުއެޑޯއެވެ. އެ ގައުމަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.

- ކޮމެންޓް