ބޮޑު ތަފާތަކުން ޖަރުމަން ބަލިކޮށް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ސްޕެއިން ދަތުރުކޮށްފިއެވެ.
ޖަރުމަން އަތުން އަންގާރަ ދުވަހުގެރޭ ސްޕެއިން މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 1931 ވަނަ އަހަރު އޮސްޓްރިއާ އަތުން 6-0 ން ބަލިވި ފަހުން ޖަރުމަން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ސްޕެއިނުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މެޗުގެ 33 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ސްޕެއިނަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ އަށް މިނެޓު ފަހުން ރޮޑްރީ ވަނީ ސްޕެއިނުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޓޮރޭސް ސްޕެއިނުގެ ހަތަރުވަނަ ލަނޑު ޖެހިއިރު، މެޗުގެ 71 ވަނަ މިނެޓުގައި ޓޮރޭސް ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. އަދި މި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހައިދިނީ ދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް އޮޔާޒަބަލެވެ.
މި މޮޅާއެކު ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނަ ސްޕެއިން ހޯދީ ހަ މެޗުން 11 ޕޮއިންޓާއެކުއެވެ. އަދި ޖަރުމަން ދެވަނައިގައި އޮތީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ ތިންވަނައިގައި އޮތް ޔޫކްރޭނާއި ހަތަރުވަނައިގައި އޮތް ސްވިޒަލެންޑް އަންގާރަ ދުވަހުގެރޭ ކުޅެން އޮތް މެޗު ވަނީ ސްވިޒަލެންޑުގެ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކެންސަލް ކޮށްފައެވެ.
ސްޕެއިނަކީ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ފުރުސަތު ހޯދި ދެވަނަ ގައުމެވެ. މީގެ ކުރިން ފްރާންސް ވަނީ ފައިނަލް ބުރުން ފުރުސަތު ހޯދާފައެވެ. ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ ފްރާންސް ފައިނަލް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، އެ ގައުމު ވަނީ އަންގާރަ ދުވަހުގެރޭ ސްވިޑެން އަތުން 4-2 ން މޮޅުވެފައެވެ. އަދި މި ގްރޫޕުގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ކްރޮއޭޝިއާ އަތުން 3-2 ން މޮޅުވެފައެވެ.