ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދެ ކެންޑިޑޭޓުން ހޮވިއްޖެއެވެ.
ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 11 ކެންޑިޑޭޓުން ވާދަކުރައްވާފައިވެއެވެ. ނަމަވެސް މިހާރުގެ ރައީސް ފްރާންސުވާ ހޮލެންޑް ވަނީ ދެ ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންތައަށްވުރެ މަތިން ވޯޓް ލިބިފައެއް ނުވެއެވެ.
ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން ދެވަނަ ބުރުގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ކަނާތުފިޔައިގެ ލީޑަރު މެރިން ލެ ޕެން އާއި އެލްމާޝޭގެ ކެނޑިޑޭޓް އެމަނުއެލް މެކްރޮންއެވެ.
މިހާތަނަށް ގުނާނިމިފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން މެކްރޮން އަށް 23.9 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ލެ ޕެން އަށް ލިބިވަޑައިގެންނެވީ 21.4 ޕަސެންޓެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން އޮންނާނީ އަންނަ މޭމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ މެކްރޮންއަށެވެ.
ރިޔާސީ އިންތިޚާބު ކާމިޔަބުކުރުމުގެ ފުރުސަތު މެކްރޮން އަށް ބޮޑުކަމަށް ފެނުނަސް ކަނާތު ފިޔައިގެ ލީޑަރު ލެ ޕެން އަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. އެހެންވުމުން ފްރާންސްގެ މިހާރުގެ ހާލަތަށް ބަލާނަމަ ލެ ޕެންއަށްވެސް އިންތިޚާބު ކާމިޔާބުވުން ދުރެއް ނޫނެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބު މިތަނުން ކޮންމެ ކެންޑިޑޭޓެއް ކާމިޔާބުކުރެއްވި ނަމަވެސް ފްރާންސްގެ ސިޔާސީ މައިދާނުގައި ބާރުގަދަ ސެންޓަ-ރައިޓް ޕާޓީތަކާއި ވާތުފިޔައިގެ ޕާޓީތަކުގެ ބާރު ކުޑަވެގެން ދާނެ އެވެ.
ހަރުކަށި ވިސްނުމުގެ މެރިން ލެ ޕެން އަކީ ފަރާންސްއަށް ހިޖްރަކޮށްގެން އުޅޭ މުސްލިމުންނާއި އެހެން ގައުމުތަކުގެ މީހުން އެގައުމުން ބޭރުކުރުމަށް ވަކާލާތު ކުރަމުން އަންނަ ފަރާތެކެވެ.
ލެ ޕެންއާ ޚިލާފަށް މެކްރޮން އަކީ ނޭޝަނަލިސްޓުންނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުކެވެ. އަދި ދެވަނަ ބުރުގައި އެހެން ކެންޑިޑޭޓުންގެ ތާއީދު މެކްރޮންއަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.