ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފިއެވެ.
އެއަރޕޯޓް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ހޯރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން، ރައީސްގެ ދަތުރުފުޅު ވަނީ ފަސްކޮށްފައެވެ.
ހޯރަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މިހާރު ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ހޯރަފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ ހޯމަ ދުވަހު އެވެ. ގިނަ އަދަދެއްގެ ހޯރަފުށީ ރައްޔިތުން ވަނީ އެއާޕޯޓް ސަރަހައްދުގައި ޓެސްޓު ފްލައިޓްއިން އައި ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.
މި އެއަރޕޯޓް ގެ ސަބަބުން ކައިރީގައި ހުރި ރިސޯޓުތަކަށް ގޮސް އައުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ އެހެންމެ، އެއަރޕޯޓް ތަރައްޤީ ވެގެން ދިއުމަކީ އެ އަތޮޅުގެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކޮށާލެވޭ މަގެއް ކަމަށް ރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެއެވެ.
އޭގެ އިތުރުން، ހޯރަފުށީގެ އެއާޕޯޓާ އެކު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރެވި، މި ސަރަހައްދުގައި ޓޫރިޒަމް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށް ރައީސް ސޯލިޙް ވެސް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ރާއްޖޭގެ ރަށްތަކުގައި ފުޅާވެގެން އަންނައިރު، ހއ އަތޮޅަށްވެސް އެއަރޕޯޓެއް ނުހަނު މުހިއްމު ކަމަށެވެ.
އޭގެ އިތުރުން، އެއަރޕޯޓް ތަރައްޤީ ވުމަކީ، އަތޮޅުގެ އެތެރޭގެ ދަތުރުފަތުރުތަކަށްވެސް ނުހަނު ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން އެންމެ ގާތުގައި އޮންނަ ހަނިމާދޫ އެއަރޕޯޓަށް އެންމެ ބާރު ސްޕީޑުގައި ދިޔަ ނަމަވެސް 45 ވަރަކަށް މިނެޓް ހޭދަވާކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެ ދޭތެރޭގައި އޮންނަ ގައްލަންދޫ ކަނޑު ހުރަސް ކުރަން ޖެހުމުން ދިމާވާ ބޮޑެތި ދަތިތައް ހިއްސާ ކުރައްވާފައެވެ.
މި އެއަރޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާއިރު އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރީ އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެންނެވެ. މި އެއަރޕޯޓުގައި ހަދާފައިވަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ހޯރަފުށީގައި ތަރައްގީކުރި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލު ކުރީ 80 ދުވަހުގެ މުއްދަތަށެވެ.