އަނިޔާއިން ރަނގަޅުވެ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބައިވެރިވާން ފަށައިފިއެވެ.
އެމްބާޕޭއަށް އަނިޔާވީ ފްރެންޗް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ރަށުން ބޭރުގައި ނޯންޓްސް އަތުން 3-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ. އެ މެޗުގައި އެމްބާޕޭ މޮޅު ކުޅުމެއް ދައްކައި ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އެ ލަނޑު ޖެހިތާ 11 މިނެޓު ފަހުން އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ.
އަނިޔާގައި ހުންނަން ޖެހުމުގެ ސަބަބުން އެމްބާޕޭއަށް ވަނީ ޕީއެސްޖީ އާއި ފްރާންސުން ކުޅުނު މުހިންމު މެޗުތަކެއް ގެއްލިފައެވެ. އެކަމަކު އެމްބާޕޭ އަނިޔާގައި ހުރި ނަމަވެސް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ފްރާންސްގެ ސްކޮޑުގައި އެމްބާޕޭ ހިމަނާފައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޑެޝޯމްޕްސް ބުނީ އެމްބާޕޭ އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި އެގޮތުން ފްރާންސް ޓީމާއެކު އޭނާ ފަރިތަކުރުންތަކަށް ނުކުމެފައިވާ ކަމަށެވެ. އެކަމަކު ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ކުޅުވުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށްވެސް ޑެޝޯމްޕްސް ބުންޏެވެ.
ނޭޝަންސް ލީގުގެ ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ފައިނަލް ބުރުގެ ޖާގައެއް ދުނިޔޭގެ ޗެމްޕިއަން ފްރާންސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ކަށަވަރުކޮށްފައެވެ. ޕޯޗުގަލް އަތުން 1-0 ން ފްރާންސް މޮޅުވިއިރު، މި މޮޅާއެކު ފްރާންސް ފައިނަލް ބުރަށް ދަތުރުކުރީ މި ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްގެންނެވެ. ފްރާންސަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕޯޗުގަލަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.