އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، މި ހަފުތާ ބަންދުގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯއިން ބާސެލޯނާއާ ބައްދަލުކުރާ މެޗުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ހަނިވެއްޖެއެވެ.
ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބައިނަލްއަގުވާމީ ބްރޭކުގައި އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފަރިތަކުރަމުން ދަނިކޮށެވެ. އުރުގުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ސުއަރޭޒްގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ދެ އޮފިޝަލަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ވައިރަހަށް ޕޮޒިޓިވްވި އެންމެ ސެލްފް-އައިސޮލޭޝަނަށް ބަދަލުވެފައިވާ ކަމަށް އުރުގުއޭއިން ވަނީ ހާމަކޮށްފައެވެ.
ސުއަރޭޒްގެ އިތުރުން ދެ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އުރުގުއޭ ޓީމުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޮނިހިރު ދުވަހު އެ ގައުމުގެ ޑިފެންޑަރު މަޓިއަސް ވީނާއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އަންނަ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި އެތުލެޓިކޯއިން ސުއަރޭޒްގެ ކުރީގެ ކުލަބު ބާސާއާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގައިވެސް އޭނާއަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށް އެތުލެޓިކޯއަށް ބަދަލުވި ސުއަރޭޒް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަންނަ ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯއިން ބާސާއާ ދެކޮޅަށް ކުޅޭ މެޗަކީ ސުއަރޭޒް އެތުލެޓިކޯއާ ގުޅުނު ފަހުން ކުރީގެ ޓީމާ ދެކޮޅަށް ކުޅެން ލިބޭނެ ފުރަަތަމަ މެޗެވެ. މިހާރު އޮތްގޮތުން ސުއަރޭޒަށް އެ މެޗުގައި ކުޅެވޭނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު ވައިރަހަށް ދެ ޓެސްޓު ކޮށްގެން ނަތީޖާ ނެގެޓިވްވުމުންނެވެ.
މި ސީޒަނުގައި މިހާތަނަށް ސުއަރޭޒް ވަނީ އެތުލެޓިކޯއަށް ލީގުގައި ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. ސްޕެނިޝް ލީގުގެ މި ސީޒަނުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އެތުލެޓިކޯއެވެ. އެތުލެޓިކޯ މި ވަގުތު ލީގުގެ ތިންވަނައިގައި ހަތް މެޗުން 17 ޕޮއިންޓާއެކު އޮތްއިރު، ބާސާ އޮތީ ތާވަލުގެ އަށްވަނައިގައި ހަތް މެޗުން 11 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ބުރުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގައި ސުއަރޭޒަށް ނުކުޅެވޭނެއެވެ. ކޮލިފައިން ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ސުއަރޭޒް ހަތަރު ލަނޑު ޖަހާފައިވާއިރު، އުރުގުއޭ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ބްރެޒިލް އެއްވަނައިގައި އޮތީ ސައްތަ އިން ސައްތަ ރިކޯޑަކާއެކު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.