ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތް ކަމުގައިވާ ކަޅުވަކަރު މިސްކިތް އަލުން ހުޅުވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ކެބިނެޓްގެ ގިނަ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގާފައި ވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ މިސްކިތް ނެގުމަށް ފަހު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެތަނުގައި ވިންޓަރ ޕާކެއް އަޅާފައެވެ.
ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގެ ތެރޭގައި ހުއްޓައި ރޫޅާލައިގެން ނެގީ ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވާނެ ކަމަށް ބުނެއެވެ.
ހިރިގަލުން ހަދާފައިވާ އެ މިސްކިތް އެހެން ތަނަކަށް ބަދަލުކުރާ ވާހަކަ ދެއްކުމާއި އެކު ތާރީޚަށް ލޯބިކުރާ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލައި، އެ މައްސަލައިގައި ކޯޓަށް ވެސް ދިޔައެވެ. އެހެން ނަމަވެސް އޭރު ސަރުކާރުން އެ މިސްކިތް ރޫޅާލުމަށް ފަހު މިސްކިތަށްވީ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި މަސައްކަތެކެވެ. ނަމަވެސް ދިމާވި އެކިއެކި ގޮންޖެހުންތަކާ އެކު، މިސްކިތް އެހެން ތަނެއްގައި ރޭވުމުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނިންމިފައެއް ނުވެއެވެ.
މި މިސްކިތް އަލުން ރާވާ ހުޅުވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މަގާމުގެ ހުވާ ކުރެއްވިތާ ދެ އަހަރު ވީ ދުވަހުއެވެ.