ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 21:31
ޑާބީ ކައުންޓީއަށް ކުޅެމުން އަންނަ ޕްލޭޔާ-ކޯޗު ވޭން ރޫނީ
ޑާބީ ކައުންޓީއަށް ކުޅެމުން އަންނަ ޕްލޭޔާ-ކޯޗު ވޭން ރޫނީ
ގެޓީ އިމޭޖަސް
ކޯޗުގެ ޒިންމާ ރޫނީއާ ހަވާލުކުރުން
ޑާބީގެ ކޯޗުގެ ޒިންމާ ރޫނީއަށް
ރޫނީއާ ކޯޗުގެ ޒިންމާ ހަވާލުކުރީ ކޯޗު ފިލިޕް ކޮކޫ މަގާމުން ވަކިކުރުމާ ގުޅިގެން
ރޫނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގައި ޑާބީއާ ގުޅުނީ މި އަހަރުގެ ޖެނުއަރީ މަހު

އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކޯޗުކަމުން ނެދަލެންޑްސްގެ ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެން، ޕްލޭޔާ-ކޯޗުގެ އެއްބަސްވުމުގައި ހުރި އިނގިރޭސި ތަރި ވޭން ރޫނީ އެ ޓީމުގެ ކޯޗުުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެއްޖެއެވެ.

އުމުރުން 50 އަހަރުގެ ކޮކޫ މިދިޔަ ސީޒަނުގައި ޑާބީ ކޯޗަކަށް ގެނައި ނަމަވެސް، އޭނާގެ ކޯޗުކަމުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ޑާބީގެ މެނޭޖުމަންޓުން ވަނީ ދާދި ފަހުން ކޮކޫ ވަކިކޮށް ރޫނީއާ ޒިންމާ ހަވާލުކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ރޫނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގައި ޑާބީއާ ގުޅުނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑުވެސް ރޫނީއަށް ދީފައިވާއިރު، ޖެނުއަރީ މަހު ޑާބީއާއެކު އުމުރުން 35 އަހަރުގެ ރޫނީ ވަނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އޮތީ ކުޅުމުގެ އިތުރުން އެ ކުލަބުގެ ކޯޗިންގ ޓީމާއެކުވެސް މަސައްކަތްކުރާ ގޮތަށެވެ.

މީގެ ކުރިން ކޮކޫއަށް އެހީތެރިކަން ފޯރުކޮށްދެމުން އައި ރޫނީ ޑާބީއާއެކު ކޯޗެއްގެ ގޮތުގައި ނުކުންނާނެ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު ބްރިސްޓޯލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ޑާބީ އަކީ ރޫނީގެ ކޯޗިންގެ ފުރަތަމަ ތަޖުރިބާއެވެ.

އެވަޓަނުން 2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ރޫނީ ވިދާލީ 2004ން 2017ށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. ޔުނައިޓެޑުގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް އޮންނަ ރޫނީ ވަނީ ޔުނައިޓެޑާއެކު 16 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

ޔުނައިޓެޑް ދޫކޮށްލުމަށްފަހު ރޫނީ އަލުން އަނބުރާ ގުޅުނީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި އެވަޓަންއަށެވެ. އަދި އެވަޓަނުގައި ސީޒަނެއް ހޭދަކުރުމަށްފަހު ރޫނީ ވަނީ އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ ޑީސީ ޔުނައިޓެޑަށްވެސް ކުޅެފައެވެ.

އަދި އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމަށް 120 މެޗު ކުޅެދީ 53 ލަނޑު ކާމިޔާބުކޮށްފައިވާ ރޫނީ އަކީ އިންގްލެންޑުގެ ތާރީޚުގައިވެސް އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

- ކޮމެންޓް