ކުލަބު އީގަލްސްއިން ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާޢީލް ޔަނޯގޯ އާއި ބޮސްނިއާގެ ފޯވާޑް އަދްނާން ބަސިޗް ގެންނަން ނިންމައިފިއެވެ.
ކުރިއަށް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގެންނަން ނިންމި އުމުރުން 27 އަހަރުގެ ޔަނޯގޯ ވަނީ އޭނާ އުފަން ގައުމު ކަމަށްވާ ބުރްކީނާ ފާސޯގެ ކުލަބެއްގެ އިތުރުން މިސްރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރަބިއްޔާގެ ކުލަބުތަކަށް ކުޅެފައެވެ. މީގެ ތެރެއިން އޭނާ ވަނީ ބުރްކީނާ ފާސޯގެ ރޭއިލް ކުލަބާއެކު އެފްރިކާ ބައްރުގެ ޗެމްޕިއަންސް ލީގުގައި ކުޅެފައެވެ.
ދެން އީގަލްސްއަށް ގެންނަން ނިންމި ބޮސްނިއާއަށް އުފަން އުމުރުން 23 އަހަރުގެ ބަސިޗް ވަނީ އެ ގައުމުގެ 18 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އަދި އޭނާ ވަނީ ބޮސްނިއާގެ އިތުރުން ސްލޮވީނިއާ އާއި ލަގްޒެމްބާގް އަދި ޗެކް ރިޕަބްލިކުގެ ކުލަބުތަކަށް ކުޅެފައެވެ.
މީގެ ކުރިން އީގަލްސްއިން ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރޭ ރެގްލީ ގެންނަން ނިންމި ނަމަވެސް، އޭނާގެ ބަދަލުގައި މިހާރު އެހެން ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް އެ ކުލަބުން އަންނަނީ ކުރަމުންނެވެ.
އީގަލްސްއިން ގޯލްކީޕަރެއް ހޯދުމަށް މަސައްކަތް ކުރަނީ ސްރީ ލަންކާގެ ތަޖުރިބާކާރު ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކުރި ސުޖަން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން ގަވާއިދުން ކޮންމެ އަހަރަކު އީގަލްސްއަށް ކުޅެމުން އައި ސުޖަން ވަނީ އެ ކުލަބު ދޫކޮށް ލަންކާގެ ޓީމަކާ ގުޅިފައެވެ.
ކުރިއަށް ސީޒަނުގައިވެސް އީގަލްސްގައި މަޑުކުރަން އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ނިންމާފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހު އެ ކުލަބުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މުޅިން އަލަށް މިފަހަރު އީގަލްސް ވާދަކުރާއިރު، ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކުޅޭ އެ މެޗުގައި އީގަލްސް ނުކުންނާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މީގެ އިތުރުން އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުންވެސް ޖާގައެއް ހޯދާފައެވެ.