ގިނީ-ބިސާއު ބަލިކޮށް އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ސެނެގާލް ކޮލިފައިވެއްޖެއެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ސެނެގާލް ކޮލިފައިވީ އާދީއްތަ ދުވަހުގެރޭ ގައުމުން ބޭރުގައި ކުޅުނު މެޗުގައި ގިނީ-ބިސާއު އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ސެނެގާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގައި ގިނީ-ބިސާއުއަށް މައްސަލަތަކެއް ދިމާވީ 64 ވަނަ މިނެޓުގައި އެ ގައުމުގެ ބޫރާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ސެނެގާލުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސަޑިއޯ މާނޭއެވެ.
މި މޮޅާއެކު ސެނެގާލް އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވީ ބާކީ ދެ މެޗު އޮއްވައެވެ. ގްރޫޕް އައިގެ އެއްވަނައިގައި ސެނެގާލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރިޕަބްލިކް އޮފް ކޮންގޯއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ގިނީ-ބިސާއުއަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް އެސްވަޓީނީ (ސުވާޒިލެންޑް) އަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެފްރިކާގެ ގައުމުތަކުގެ ތެރެއިން ފުޓްބޯޅަ ރޭންކިންގެ އެއްވަނައިގައި އޮތް ސެނެގާލަކީ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވި ދެވަނަ ގައުމެވެ. މީގެ ކުރިން ކޮލިފައިވެފައި ވަނީ މި މުބާރާތް ބޭއްވުމަށް ހަަމަޖެހިފައިވާ ގައުމު ކަމަށްވާ ކެމަރޫނެވެ.
އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސް މިހާރު ވަނީ 2022 ވަނަ އަހަރަށް ފަސްކޮށްފައެވެ. ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެމަރޫންގައެވެ. އެކަމަކު ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ވަނީ މި މުބާރާތް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކުރުމަށް ނިންމާފައެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެފްރިކާ ކަޕް އޮފް ނެޝަންސް ބާއްވާއިރު، އެ އަހަރުގެ ހޫނު މޫސުމުގައި ފީފާ ވޯލްޑް ކަޕްވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ އަހަރެއްގައި އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވީ 2010 ވަނަ އަހަރެވެ.