ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 11:22
ބެލްޖިއަމާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 2-0 ން
ބެލްޖިއަމާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ނޭޝަންސް ލީގު
ބެލްޖިއަމާއި އިޓަލީ ފައިނަލް ބުރާ ގާތަށް
އިންގްލެންޑް އަތުން ބެލްޖިއަމް މޮޅުވީ 2-0 ގެ ނަތީޖާއަކުން
ޕޮލެންޑް އަތުން އިޓަލީ މޮޅުވީ 2-0 ގެ ނަތީޖާއަކުން

ޔުއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ބެލްޖިއަމާއި އިޓަލީ މުބާރާތުގެ ފައިނަލް ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ލީގު އޭ ގްރޫޕް ދޭއްގައި ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ ގައުމުން ބޭރުގައި އިންގްލެންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 10 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޑްރީސް މާޓެންސް ވަނީ ބެލްޖިއަމަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ބެލްޖިއަމް ވަނީ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ބެލްޖިއަމަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޑެންމާކް ވަނީ އާދީއްތަ ދުވަހުގެރޭ 2-1 ން އައިސްލެންޑް ބަލިކޮށް، ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕުގެ ތިންވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް އައިސްލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބަލިވުމާއެކު އިންގްލެންޑަށް ވަނީ ފައިނަލް ބުރުގެ ދޮރު ބަންދުވެފައެވެ. އެއްވަނައަށްދާ ޓީމަށް ފައިނަލް ބުރުން ފުރުސަތު ލިބޭއިރު، މި ގްރޫޕުން އެ ޖާގަ ލިބޭނީ ބުދަ ދުވަހުގެރޭ ބެލްޖިއަމް ދަނޑުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރު ކޮށްލައިގެންވެސް ބެލްޖިއަމަށް ޖާގައެއް ކަށަވަރުކުރެވޭނެއެވެ.

އިޓަލީ އާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-0 ން

މީގެ އިތުރުން ލީގު އޭ ގްރޫޕް އެކެއްގައި ހިމެނޭ އިޓަލީ ފައިނަލް ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލީ އާދީއްތަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ޕޮލެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި އިޓަލީން ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައި ޖޯޖީނިއޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި މެޗުގައި ޕޮލެންޑަށް މައްސަލަ ދިމާވީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ޔަސެކް ގޮރާލްސްކީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެއާއެކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޮމެނިކޯ ބެރާޑީ ވަނީ އިޓަލީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މޮޅުވެ ފައިނަލް ބުރުގެ ޖާގައެއް ހޯދުމާ ގާތަށް އިޓަލީ ޖެހިލި ނަމަވެސް، މި ގްރޫޕުން ފައިނަލް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ތިން ގައުމަކަށް އެބައޮތެވެ. އެއީ އިޓަލީގެ އިތުރުން ބޮސްނިއާ އަތުން 3-1 ން މޮޅުވެ ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށެވެ.

ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، އިޓަލީ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނެދަލެންޑްސްއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ޕޮލެންޑް ތިންވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

- ކޮމެންޓް