އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ވަގުތެއްގައި މިލާނުން ވަނީ ޕިއޯލީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 55 އަހަރުގެ ޕިއޯލީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މިހާރު އޭނާ ހޯމް-އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ޕިއޯލީގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއްވެސް ފެނިފައިނުވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
މިލާނުގެ ކޯޗު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، ހޮނިހިރު ދުވަހު މިލާނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި އޮތް ފަރިތަކުރުންތައް ވަނީ ކެންސަލް ކޮށްފައެވެ. އަދި އެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ޓެސްޓުކުރިއިރު، ހުރިހާ އެންމެންވެސް ވައިރަހަށް ނެގެޓިވް ކަމަށް މިލާނުން ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން މިލާނާ ހަވާލުވި ޕިއޯލީގެ އިރުޝާދުގެ ދަށުން މިލާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި ސީޒަނުގެ އިޓާލިއަން ލީގުގައި އެ ޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. މިލާނަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.
އިޓާލިއަން ލީގުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސަސުއޯލޯއަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނާޕޮލީ އާއި ހަތަރުވަނައިގައި އޮތް ރޯމާއަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.
ބައިނަލްއަގުވާމީ ބްރޭކަށްފަހު މިލާނުން މެޗެއް ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު ރަށުން ބޭރުގައި މިލާން ނުކުންނާނީ ނާޕޮލީއާ ދެކޮޅަށެވެ.