ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 16:27
ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން
ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން
މިހާރު
ކްރިކެޓް ބޯޑުގެ މަސައްކަތްތައް
ކްރިކެޓުގެ މަސައްކަތްތައް ބައްޓަންކުރަން 120 ދުވަހުގެ ޕްލޭނެއް
މި ޕްލޭނުގައި ހިމެނެނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭ ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް
މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ މާލެ އާއި ފުވައްމުލައް އަދި ލ. ކުނަހަންދޫވެސް ހިމެނޭ ގޮތަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ވަނީ މި ޕްލޭނާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކޮށްފައެވެ. އެގޮތުން މި ޕްލޭނުގައި ހިމެނެނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭ ކްރިކެޓާ ގުޅުން ހުރި އެކިއެކި ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކާއި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކެވެ. އެގޮތުން އެ ދާއިރާތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިންގުމާއި، ވައިޑީޕީ އާއި، ކުޅުންތެރިން ބިނާކުރުމާއި، ގައުމީ ކްރިކެޓް ޓީމާ ގުޅޭ ކަންކަމާއި، ކުލަބުތަކާ ގުޅުންހުރި ކަންކަމާއި، ކޯޗުންނާ ގުޅުން ހުރި ކަންކަމާއި އަދި މި ވަގުތަށް ވަސީލަތްތައް ބޭނުން ކުރުމަށްހުރި ދަތިތައް ހައްލުކުރުން ހިމެނެއެވެ.

މީގެ އިތުރުން ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމާއި، ކުރިއަށް އޮތް ހަތަރު އަހަރުގެ ޕްލޭން ތައްޔާރުކުރުމާއި، ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް 120 ދުވަހުގެ ޕްލޭނުގައި ހިމެނެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވީ މި ޕްލޭނަކީ ކްރިކެޓް ކުރިއަރުވައި، ހަރަކާތްތައް ހަރުދަނާ ކުރުމަށް އައު ހިންގާ ކޮމިޓީގެ ފަރާތުން ކުރާ މަސައްކަތްތަކަށް ބާރު ދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެކަންކަން ހާސިލުވުމުން ކްރިކެޓުގެ ކުރިމަގަށް ފޯކަސްކޮށްގެން މަސައްކަތްތައް ރާވާލަން ފަސޭހަވެގެން ދާނެ ކަމަށެވެ.

ކްރިކެޓް ބޯޑުން މައުލޫމާތުދޭ ގޮތުގައި "ޕްލޭން 120" ގެ މުއްދަތަކީ މި ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. އަދި މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ މާލެ އާއި ފުވައްމުލައް އަދި ލ. ކުނަހަންދޫވެސް ހިމެނޭ ގޮތަށް ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކްރިކެޓް ބޯޑުގެ އިންތިޚާބު ބޭއްވިއިރު، އެ ބޯޑުގެ ރައީސްގެ މަގާމަށް މީގެ ކުރިން ނައިބު ރައީސްގެ މަގާމާއި ޖެނަރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރެއްވި ފައިސަލް އިންތިޚާބުވީ ފުރިހަމަ ތާއީދާއެކުއެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ކުރިމަތިލެއްވީ ނަތީޖާ ނެރުމަށް ބޮޑު ވިޝަންއަކާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރޭންކް މަތިކުރުމާއެކު، އައިސީސީގެ ބަޖެޓު ދެގުނަ ކުރުން އެއީ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް