ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 11:28
ސްވިޒަލެންޑާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ސްވިޒަލެންޑާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ނޭޝަންސް ލީގު
ސްޕެއިން އެއްވަރު، ޖަރުމަން އެއްވަނައަށް
ސްވިޒަލެންޑާއި ސްޕެއިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ޔޫކްރޭން އަތުން ޖަރުމަން މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން

ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްވިޒަލެންޑާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޔޫކްރޭން ބަލިކޮށް ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނައަށް ޖަރުމަން ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ސްވިޒަލެންޑާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅުނުއިރު، ސްޕެއިން ގައުމީ ޓީމަށް ކުޅެދިން 177 ވަަނަ މެޗާއެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ގައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. އެކަމަކު މި މެޗުގައި ރާމޯސްއަށް ވަނީ ދެ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އާއި، މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީވެސް ރާމޯސް ފޮނުވާލިއިރު، އެ ދެ ޕެނަލްޓީވެސް ސްވިޒަލެންޑުގެ ގޯލްކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗު ފަށައިގެން 26 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ރެމޯ ފްރެއުލާއެވެ. އޭގެ ފަހުން ސްޕެއިނަށް ލިބުނު ދެ ޕެނަލްޓީވެސް ބޭކާރުވި ނަމަވެސް، މެޗު ނިމެން މިނިޓަަކަށް ވެފައި ހުއްޓައި ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ޖެރާޑް މޮރޭނޯ ވަނީ ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޖަރުމަނާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޖަރުމަން މޮޅުވީ 3-1 ން

ސްޕެއިން އެއްވަރުވުމުގެ ފައިދާނަގައި ޖަރުމަން ގްރޫޕުގެ އެއްވަނައަށް އެރީ ހޮނިހިރު ދުވަހުގެރޭ ޔޫކްރޭން އަތުން ފަހަތުން އަރައި 3-1 ން މޮޅުވެގެންނެވެ.

ޖަރުމަނުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫކްރޭނުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ޖަހައިދިނީ ރޯމަން ޔަރެމްޗުކެވެ. އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި ލެރޯއި ސާނޭ ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ޓިމޯ ވާނާ ޖަރުމަނަށް ލީޑު ނަގައިދިންއިރު، މެޗުގެ 64 ވަނަ މިނެޓުގައި އެ ގައުމަށް ލީޑު ފުޅާކޮށްދިނީވެސް ވާނާއެވެ.

މި ނަތީޖާތަކާއެކު ޖަރުމަން އެއްވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްޕެއިނަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޒަލެންޑަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް