ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 10:55
ޕޯޗުގަލާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 1-0 ން
ޕޯޗުގަލާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ނޭޝަންސް ލީގު
ޕޯޗުގަލް ބަލިކޮށް ފްރާންސް ފައިނަލް ބުރަށް
ޕޯޗުގަލް އަތުން ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުން
ފްރާންސް ފައިނަލް ބުރަށް ދަތުރުކުރީ މި ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްގެން

ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ފައިނަލް ބުރުގެ ޖާގައެއް ދުނިޔޭގެ ޗެމްޕިއަންސް ފްރާންސްއިން ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޕޯޗުގަލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީކޮޅު ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ އެންތަނީ މާޝިއަލާއި ޕޯޗުގަލުގެ ހޯސޭ ފޮންޓް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފްރާންސުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. އޭޑްރިއަން ރަބިއޯގެ އެހީއާއެކު މި ލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެންގޯލޯ ކާންޓޭއެވެ. މިއީ ފްރާންސަށް ކުޅެދިން 44 މެޗު ތެރޭގައި ކާންޓޭ ޖެހި ދެވަނަ ލަނޑެވެ.

މި މޮޅާއެކު ފްރާންސް ފައިނަލް ބުރަށް ދަތުރުކުރީ މި ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްގެންނެވެ. ފްރާންސަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕޯޗުގަލަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ސްވިޑެންއިން ހޮނިހިރު ދުވަހުގެރޭ އަމިއްލަ ގައުމުގައި 2-1 ން ކްރޮއޭޝިއާ ބަލިކުރި ނަމަވެސް، މި ދެ ޓީމަށް މިހާތަނަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެކަމަކު ހެޑް ޓު ހެޑް ގަވާއިދުން ކުރިލިބެނީ ކްރޮއޭޝިއާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް