ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 09:49
ރާއްޖެ ޓީވީގެ \"ބަޖެޓު 2021\" ޕްރޮގްރާމްގައި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވާހަކަދައްކަވަނިކޮށް
ރާއްޖެ ޓީވީގެ "ބަޖެޓު 2021" ޕްރޮގްރާމްގައި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވާހަކަދައްކަވަނިކޮށް
ރާއްޖެ އެމްވީ
ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުން
ސަރުކާރުން ވާނީ މިދިޔަ އަހަރު ހުރިހާ ކުޅިވަރަކަށް އެހީތެރިކަން ފޯރުކޮށްދީފައި: މަޙްލޫފް
ހުރިހާ ކުޅިވަރުތަކަކަށް ހަމަހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން އެއީ މި ސަރުކާރުގެ އަމާޒު
އަންނަ އަހަރު ނިމޭއިރު 20-25 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައި

ސަރުކާރަށް ދެ އަހަރު ފުރުނުއިރު މި ސަރުކާރުން ވަނީ ހުރިހާ ކުޅިވަރަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ދެ އަހަރުވެފައިވާއިރު، ސަރުކާރުން އަންނަނީ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުޓްބޯޅަ ދަނޑުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމުގެ އިތުރަށް، ބައިނަލްއަގުވާމީ ފެންވަރުގެ ވޮލީބޯޅަ ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު، އަންނަ އަހަރު އިންޑޯ ވޮލީބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ފެށިގެން އަންނާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލާއި، ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހޭންޑްބޯޅަ އާއި ނެޓްބޯޅައަށްވެސް ބައިނަލްއަގުވާމީ ފެންވަރުގެ ކޯޓެއް އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ ޓީވީގެ "ބަޖެޓު 2021" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޙްލޫފް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވުން ފާހަގަކުރަމުން އަންނައިރު، ކުރީގެ ސަރުކާރުތަކާއި ޚިލާފަށް ކުޅިވަރަށް ބޮޑު ހޭދައެއް ކޮށްފައި ކަމަށާއި، އެގޮތުން ހުރިހާ ކުޅިވަރުތަކަކަށް ހަމަހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން އެއީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.

މި ސަރުކާރުން ވާނީ އެހެން ސަރުކާތުރަކާ ޚިލާފަށް ހުރިހާ ކުޅިވަރަކަށްވެސް އަޅާލާފައި. ފުޓްބޯޅަ ދަނޑު ގިނަވާ ސަބަބަކީ އެކަމަށް ރަށްރަށުގެ ރައްޔިތުން އެދޭތީ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

މަޙްލޫފް އިތުރަށް ވިދާޅުވީ ސަރުކާރު ބަޖެޓުން ޚަރަދުކޮށްގެން ފުޓްބޯޅަ ދަނޑު އަޅަން ފަށާފައިވަނީ މި ސަރުކާރުން ކަމަށާއި، މީގެ ކުރިންނަމަ ރަށް ރަށުގައި ފުޓްބޯޅަ ދަނޑު އަޅާފައި ހުންނާނީ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމުގައި ކަމަށެވެ.

އަދި ވިދާޅުވީ ސަރުކާރަށް ދެ އަހަރުވުން ފާހަގަކުރަމުން އަންނައިރު، މިހާރުވެސް ހަތް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާ އެ ރަށްރަށުގެ ޒުވާނުން ދަނޑުތަކުގައި ކުޅެމުން އަންނަ ކަމަށާއި، އަންނަ އަހަރު ނިމޭއިރު 20-25 ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި ރަށްތަކަށް ގޮސް އެ ރަށްރަށުގެ އާންމުންނާ ބައްދަލުކުރާ ކުރުމުގައި އެންމެ ފުރަތަމަ ރައްޔިތުން އެދޭ އެދުމަކީ ފުޓްބޯޅަ ދަނޑު ނުވަތަ ފުޓްސަލް ދަނޑުގެ މަސައްކަތް އަވަސް ކުރުމުގެ ވާހަކަ ކަމަށާއި، އިތުރު ކަމަކަށް ރައްޔިތުން އެދެނީ އެއަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު, މުޅި ރާއްޖޭގައި ރަނގަޅު ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑުތައް އެޅުން ވެގެންދާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް