ކ. މާލެ
|
14 ނޮވެންބަރ 2020 | ހޮނިހިރު 16:05
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ
ގެޓީ އިމޭޖަސް
މޮރީނިއޯ ސަސްޕެންޑް ކުރުން
މޮރީނިއޯއަށް އެއް މެޗުގެ ސަސްޕެންޝަނެއް
މޮރީނިއޯ ސަސްޕެންޑްކުރީ ޔޫރޮޕާ ލީގުގައި ރޯޔަލް އެންޓްވާޕާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ފެށުން ލަސްވުމުން
ކުރިއަށް އޮތް އެއް އަހަރު މި ކުށް އަލުން ތަކުރާރު ނުކުރާނަމަ މޮރީނިއޯ ސަސްޕެންޑެއް ނުކުރާނެ
ޔުއެފާއިން ވަނީ 25،000 ޔޫރޯއިން ޓޮޓެންހަމް ޖޫރިމަނާ ކޮށްފައި

ޔުއެފާ ޔޫރޮޕާ ލީގުގައި ބެލްޖިއަމުގެ ރޯޔަލް އެންޓްވާޕާ ދެކޮޅަށް އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗު ފެށުން ލަސްވެފައިވާތީ، ޔުއެފާއިން ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑްކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބެލްޖިއަމުގައި ކުޅުނު މެޗުން އެންޓްވާޕް އަތުން 1-0 ން ޓޮޓެންހަމް ވަނީ ބަލިވެފައެވެ.

އެ މެޗު ފަށަން ކަނޑައަޅާފައި އޮތް ގަޑިއަށްވުރެ ލަހުން މެޗު ފެށިއިރު، މެޗު ފެށުން ލަސްވީ މޮރީނިއޯގެ ސަބަބުން ކަމަށް ޔުއެފާގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން ޔުއެފާއިން ވަނީ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. އެކަމަކު އެއް މެޗަށް އޭނާ ސަސްޕެންޑް ކުރިޔަސް، ކުރިއަށް އޮތް އެއް އަހަރު މި ކުށް އަލުން ތަކުރާރު ނުކުރާނަމަ މޮރީނިއޯ ސަސްޕެންޑެއް ނުކުރާނެއެވެ.

ނަމަވެސް ޔުއެފާއިން ވަނީ މި މައްސަލައިގައި 25،000 ޔޫރޯއިން ޓޮޓެންހަމް ޖޫރިމަނާ ކޮށްފައެވެ. އަދި ޔުއެފާގެ "އެކިއުޕްމެންޓް ރެގިއުލޭޝަން" އާ ޚިލާފުވުމުން އިތުރު 3،000 ޔޫރޯއިން ޓޮޓެންހަމް ވަނީ ޖޫރިމަނާ ކޮށްފައެވެ.

މެޗު ފެށުން ލަސްވުމަކީ ޔުއެފާއިން ވަރަށް ސީރިއަސްވާ މައްސަލައެކެވެ. އެއީ މެޗުތައް ޓީވީން ދައްކަންޖެހޭތީ އާއި މެޗު ފެށުން ލަސްވާނަމަ ޓީވީ ރޭޓިން ދަށްވެ މީހުން ފޫހިވުންފަދަ މައްސަލަތައް ކުރިމަތިވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް